ހއ. ކެލާ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއު ނިމިއްޖެއެވެ.

އެމްޓީސީސީ އިން ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއު މިމަހުގެ 9 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ. އެ މަޝްރޫއުގައި ސޮއިކުރެވިފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހެވެ.

ކެލާގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުން ކުރުމާއި، 768،12 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް، 30 މީޓަރު ތޮއްޓެއް ލުމާއި އަދި 220 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި ބަނދަރާ އިންވެގެން 1445 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫއު ގެ ދަށުން ހިންގާފައި ވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހެވެ. އަދި މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 410 ދުވަހެވެ.

ހއ. ކެލާ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހި މަޝްރޫއު ނިމިފަ / ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގެ ބަނދަރުގެ މަސައްކަތްކާއި ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން އެ ކުންފުނިން ކުރިއަށް ގެންދާ އެކި ކަހަލަ އުމްރާނީ ތަރައްގީ ގެ މަޝްރޫއު ތެރެއިން ހއ. އަތޮޅުގެ ހޯރަފުށި، އިހަވަންދޫ، ކެލާ، ހދ. ހަނިމާދޫ އަދި ނެއްލައިދޫގައި އެ ކުންފުނީގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ކުރިއަށްއެބަ ގެންދެއެވެ.