ކ. ހިންމަފުށީ ހޯމަ އައިސޮލޭޝަންގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހިންމަފުށީ ކައުންސިލްގެ ނައިބް ރައީސް ހަސަން ފާއިޒް ވިދާޅުވީ އެ ރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ އުމުރުން 70 އަހަރުން މަތީގެ މީހެއް ކަމަށެވެ.

އެމީހާ އަކީ މާލެއިން އޮޕަރޭޝަނެއް ކުރުމަށް ފަހު ރަށަށްގޮސް ހޯމް އައިސޮލޭޝަންގައި ހުރި މީހެއް ކަމަށާއި އޭނާ ޕޮޒިޓިވްވިކަން އެނގިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށްވެސް ފާއިޒް ވިދާޅުވިއެވެ.

މިއީ މިފަދައިން ހޯމް ކަރަންޓީނަށް ދިޔަ މީހުންގެ ތެރެއިން މީހަކު ޕޮޒިޓިވްވި ހަތަރުވަނަ ރަށެވެ. ހިންމަފުށިން މީހަކު ޕޮޒިޓިވް ވެފައި ވާއިރު އިއްޔެ ވަނީ ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ހުރި މީހަކާއި އއ. ތޮއްޑޫން ހޯމް ކަރަންޓީނގައި ހުރި ކުޑަ ކުައްޖަކުވެދް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި މީގެ ކުރިން ގއ. މާމެންދޫން ވެސް ވަނީ 3 މީހަކު ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގެ ކޮވިޑް-19ގެ މިހާރުގެ ހާލަތަށް ބަލައިރު 2617 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެ، 13 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. އަދި 2238 މީހަކު މި ބަލިން ރަނގަޅު ވެފައި ވާއިރު މިހާރު މި ބަލީގައި ފަރުވާ ހޯދަމުން ދަނީ 361 މީހެކެވެ.