ޖިންސީ ފުރައްސާރައާއި އަނިޔާ ދެކޮޅަށް އަޑު އުފުލުމަށް ކޮންމެ ހަފްތާއަކު ބާއްވަމުން އަންނަ އެއްވުން މާދަމާ ވެލާނާގެ ކުރިމަތީގައި ބޭއްވުމަށް ނިންމައިފިއެވެ.

އެ އެއްވުން އޯގަނައިޒް ކުރާ ފަރާތުން ބުނީ "ޖާގައެއް ނެތް" ނަމުގައި ބާއްވާ އެ އެއްވުމުގައި ބައިވެރިން ބައެއް ކަންކަމަށް ޑިމާންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް އިންސާފު ގާއިމް ކުރުމާއި ދައުލަތުގެ އިސްމަގާމު ތަކުގައި ތިބި ކުށްވެރިން ވަކިކުރުމަށް ގޮވާލުން ހިމެނެއެވެ.

އެ އެއްވުން މާދަމާ މެންދުރު 1:30 ގައި ބެއްވުމަށް ނިންމާފައި ވާއިރު، އެއްވުމަކީ އަންހެނުންނަށް ގޭތެރެއިންނާއި އޮފީހުންނާއި ކުޅެން ދާ ތަންތަނުންނާއި މަގުމަތިން ފަދަ ކޮންމެ ތަނަކުންވެސް ލިބޭ އަނިޔާއާ ދެކޮޅަށް ބާއްވާ އެއްވުމެއް ކަމަށް އެ އެއްވުން ބާއްވާ ފަރާތުން ބުނެއެވެ.

ވެލާނާގެ ކުރިމަތީގައި އެއްވުމެެއް ބާއްވަން ނިންމާފައި ވާއިރު، ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވާ އަލީ ވަހީދު، ޖިންސީ އަނިޔާ ކުރި މައްސަލަ ތަކެއް ފެންމަތިވުމާ ގުޅިގެން އަލީ ވަހީދު ވަނީ އެ މަގާމުން ވަކި ކޮށްފައެވެ. އަދި ހަމަ އެހެންމެ އަލީ ވަހީދުގެ މައްސަލައާ ގުޅިގެން އެ މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

ވީއޯސީން ވަނީ އެ ޖަމްއިއްޔާގެ އިސްނެގުމުގެ މަތިން ފާއިތުވި ހަފްތާތެރޭގައި ޖިންސީ ގޯނާއާއި ރޭޕާ ދެކޮޅަށް ތިން މުޒާހަރާއެއް ބާއްވާފައެވެ. އެއީ މިދިޔަ ހޯމަ ދުވަހު ބޭއްވި މުޒާހަރާއަކާއި ބުދަ ދުވަހު ބޭއްވި މުޒާހަރާއަކާއި އިއްޔެ ބޭއްވި މުޒާހަރާއެކެވެ. އެ ދެ މުޒާހަރާގައި ވެސް ބައިވެރިން ވަނީ އެ ބައިވެރިންގެ ވާހަކަތައް އަސަރާއެކު ކިޔައިދީފައެވެ.