ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި ގާއިމްކޮށްފައިވާ ބްރާންޗްތަކާއި ސާވިސް ސެންޓަރު ތަކުން ހިދުމަތް ދިނުމަށް އޮންލައިން ކިއު ޓޯކަން ތައާރަފްކޮށްފިއެވެ.

މި ބަދަލާއެކު، ކަސްޓަމަރުންނަށް އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ހިދުމަތްތަކަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެއެވެ. އަދި އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުންގެ އަދަދު ބްރާންޗަށް އައުމުގެ ކުރިން އޮންލައިންކޮށް ބަލާލެވޭނެއެވެ. ބޭންކިން ހިދުމަތްދޭ ދުވަސްތަކުގެ ހެނދުނު 8.00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެއެވެ. ގޫގުލް ޕްލޭ އަދި އެޕަލް އެޕް ސްޓޯ މެދުވެރިކޮށް ކިއުބީ އެޕް ޑައުންލޯޑް ކޮށްލެވޭނެެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ މި ވޭތުވެދިޔަ ދުވަސްތަކުގައި ފަސޭހައިން ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ ހިދުމަތްތަކެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި މިއާއެކު އޮންލައިންކޮށް ހިދުމަތްތައް ފޯރުކޮށްދެވި، ކަސްޓަަމަރުންނާއި މުވައްޒަފުންނަށް ރައްކާތެރިކަން ހޯދައިދެވިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯޔާ ވިދާޅުވީ އޭނާ އެދެނީ ކަސްޓަމަރުން ގޭގައި ތިއްބެގެން ބޭންކިން ހިދުމަތް ހޯދުމަށް ކަމަށެވެ. އަދި އޮންލައިން ކިއުގެ ހިދުމަތް ތައާރަފް ކުރުމުގެ ސަބަބުން ކޮންމެހެން ބްރާންޗަށް ވަޑައިގަންނަވަންޖެހޭ ކަސްޓަރުންނަށް ވަގުތު ސަލާމަތްކުރެވި، އަދި ކަސްޓަމަރުންނަށްދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ، ކިއުބީ މެދުވެރިކޮށް މެއިން ބްރާންޗް، ކަސްޓަމަރު ސާވިސް ސެންޓަރު، މާލެ ބިޒްނަސް ސެންޓަރު، ބީއެމްއެލް އިސްލާމިކް ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުގެ ހިދުމަތް ހޯދުމަށް ޓޯކެން ލިބިގެންދާނެ ކަމަށެވެ. އަދި ބްރާންޗްތަކުގައި ގައިދުރުކަން ކަށަވަރުކުރުމަށްޓަކައި ކަސްޓަަމަރުންނަށް ބްރާންޗަށް ވަދެވޭނީ ހިދުމަތް ހޯދުމަށް އެޕް މެދުވެރިކޮށް ފެންނަ 'ވެއިޓިން ޕޮޒިޝަން' ގައި ދެ ކަސްޓަމަރުން މަޑުކޮށްގެން ތިބޭ ހާލަތުގައި ކަމަށް އެ ބޭންކުން ބުނެއެވެ.

އޮންލައިން ކިއު ޓޯކަންއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލް ވެބްސައިޓުން ލިބެން ހުންނާއެވެ.