ރަށަށް ދެވުން ލަސްވެ، ކެނެރީފް އައިލެންޑް ރިސޯޓުގެ ބިދޭސީ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ކެނެރީފް އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީންތަކެއް އެމީހުން ރަށަށް ދެމުން ލަސް ވެގެން މިއަދު އެކަމާ ހިތްހަމނުޖެހުން ފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނީ އެ ރިސޯޓުގެ އެޗްއާރް އޮފީސް ކައިރިއަށް މިއަދު އެއްވެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ ބިދޭސީންތައް އެތަނުގައި އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށެވެ. އަދި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކެނެރީފް ރިސޯޓުގެ ބިދޭސީ މުވައްޒަފުން ރަށަށް ދެވުން ލަސްވާތީ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، ދާދި ފަހުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިދޭސީން ދަނީ އެމީހުންނަށް މުސާރަ ނުދޭތީ މުޒާހަރާކޮށްފައެވެ. އެގޮތުން، މިދިޔަ ހޯމަ ދުވަހު ފުލުހުންނާއި، ސިފައިންގެ ފްލެޓުތައް ހަދަމުންދާ އައިލެންޑް އެކްސްޕާޓު ކުންފުނީގެ ބިދޭސީންތަކެއް ވަނީ މުސާރަ ނުލިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާކޮށްފައެވެ.
މީގެ އިތުރުން މިމަހު ދެ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނިން ބ އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި މަސައްކަތްކުރާ، ދޭސީންތަކެއް ވަނީ ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގާފައެވެ. އެމީހުން ހަމަނުޖެހުން ހިންގީ 6 މަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެއެވެ.
މި ހަމަނުޖެހުމުގައި އެރަށަށް އަރަން އުޅުނު ފުލުހުންގެ ބަޔަކަށް އަނިޔާވެފައި ވާއިރު، ހަމަނުޖެހުން ހައްލު ކުރުމަށް ފުލުހުންނަށް އެރަށަށް އެރުނީ މާލެއިން ފުލުހުން އެރަށަށް ގޮސްގެން ތިން ވަނަ ފަހަރަށް ކުރި މަސައްކަތުންނެވެ. މި ހަމަނުޖެހުމުގައި 19 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވާއިރު، އެމީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ތުހުމަތުވެސް ކޮށްފައެވެ. މީގެ އިތުރުން ރިޒާގެ ކުންފުނި، ރިޒް ކޮމްޕެނީއަށް ވަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައެވެ.