ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ދެކުނަށާއި، މެދު ރާއްޖެތެރޭގެ ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މި ސަރަހައްދުގެ ރަށްތަކަށް މިކަމުގެ އަސަރު ބޮޑުވެގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ރަށްތަކަށް ރާޅު އަރަނީ ރާއްޖޭއާއި ދުރުން ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖޭއާ ހަމައަށް ފޯރާނެ ކަމާސް ނިމުތު ކުރެވޭތީ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ވަނީ އެންމެހާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ގޮޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކައި މޫދަށް އެރި އުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އޮފީހުން އިލްތިމާސްކުރެއެވެ. މީގެ އިތުރުން، ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދު ފަހަރުގެ ރައްކާތެރިކަމަށް ވިސްނުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ރާޅު އެރުމުގެ ފުރުސަތު އޮތުމުގެ ސަބަބުން މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން ކ އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް މިއަދު މެންދުރު 2:30 އިން ފެށިގެން މިރޭ 8:30ގެ ނިޔަލަށް ވަނީ އެލާޓް ނެރެފައެވެ.
ރާއްޖޭގެ ބައެއް ރަށްތަކަށް ރާޅު އަރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު، މިހާރުވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ދަނީ ރާޅު އަރަމުންނެވެ.
މެޓް އޮފީހުން މިއަދަށް މޫސުން ލަފާ ކުރާ ގޮތުގައި ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެލު ވިއްސާރަ ކުރުން އެކަށީގެން ވެއެވެ. އަދި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކޮށްފައިވާއިރު، ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.
އެ އިދާރާއިން ބުނީ، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށެވެ.