ކުންފުނިތަކާ ބެހޭ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން 4924 ކުންފުނި އުވާލައިފިއެވެ.

އެ މިނިސްޓްރީން ބުނީ، މި ކުންފުނިތައް އުވާލާގައި ވަނީ ކުންފުނިތަކާ ބެހޭ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުންފުނި އުވާލުމުގައި އަމަލުކުރާ ގޮތް ބަޔާން ކުރާ ގަވާއިދުގެ ދަށުން ކަމަށެވެ. މި ކުންފުނިތައް އުވާލީ، ކުންފުނި އުވައިލުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައިވާ ކަންކަން ފުރިހަމަ ކުރުމަށްފަހު، ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ސަރުކާރުން ކުންފުނީގެ ގާނޫނަށް ގެނައި އިސްލާހާއެކު، އެކި ސަބަބުތަކާ ހުރެ 1970 ވަނަ އަހަރުން ފެށިގެން އުވާނުލެވި ގިނަ ދުވަސްތަކެއް ވެފައި ހުރި 5،000 އެއްހާ ކުންފުނި އުވާލެވިފައިވާ ކަމަށެވެ.

މިނިސްޓަރު ފައްޔަޒް ވިދާޅުވީ، މިކަމަކީ 10000 ވަރަކަށް އާންމުންނަށް ލިބޭނެ ހިތްހަމަ ޖެހުމެއް ކަމަށެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީން ވަނީ އުވާލި ކުންފުނިތަކުގެ ލިސްޓު އާންމުކޮށް ޝާއިއުކޮށްފައެވެ.

4924 ކުންފުނި އުވާލާފައިވާއިރު، އާންމު ގޮތެއްގައި ކުންފުނިތައް އުވާލުމަށް މެދުވެރި ވަނީ އަހަރީ ފީ ނުދައްކައިގެންނެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ 6 މަހެއްހާ ދުވަހު ކޮވިޑް-19ގެ ސަބަބުން ސަރުކާރު ބަންދުކޮށްފައިވުމުން އަހަރީ ފީ ދެއްކޭގޮތް ނުވުމުގެ ސަބަބުން، އިކޮނޮމިކް މިނިސްޓްރީން ވަނީ ކުންފުނިތަކުގެ މިއަހަރުގެ އަހަރީ ފީ ޖޫރިމަނާއަކާ ނުލާ ޑިސެމްބަރު މަހުގެ ނިޔަލަށް ބަލައިގަންނަން ނިންމާފައެވެ.