ފުޓުބޯޅަ އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމްގެ) މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ގިނަ ނޫސްވެރިންތަކެއް ގޭގައި ކަރަންޓީންވުމަށް އަންގައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާރު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަން ތަސްލީމާ އުސްމާން ވިދާޅުވީ އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވި އެފްއޭއެމްގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މައްސަކަތުން މިހާތަނަށް 8 ނޫސްވެރިއަކު ފާހަގަވެފައިވާ ކަމަށާއި އެ މީހުން ކަރަންޓީން ވުމަށް އާންގާފައިވާ ކަމަށެވެ.

އަދި އެ މުވައްޒަފާ ކޮންޓެކްޓްވީ މީހުންގެ އަދަދު އިންގޭނީ ކޮންޓެކްޓް ޓްރޭސީން ނިމުން ކަމަށައި މިހާރު ކުރެވެމުންދާ މަސައްކަތަކީ ކޮންޓެކްޓް ޓްރޭސީންގެ މަސައްކަތް ކަމަށެވެ.

އެފްއޭއެމްއިން ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފު މިހާރު ހުރީ ކަރަންޓީން ފެސިލިޓީއެއްގައި ކަމަށާއި އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވި ބައެއް މީހުންނާއި، ކޮންގްރެސް އޮތް ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ކަރަންޓީނަށް ދިއުމަށް ހެލްތު ޕްރޮޓެކްޓިވް އެޖެންސީ (އެޗްޕީއޭ) އިިން އަންގަމުންދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެފްއޭއެމް އިން މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ޕީޖީ އޮފީހުގެ އިދާރީ މުވައްޒަފަކުވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެ މުވައްޒަފު ޕޮޒިޓިވްވުމާ ގުޅިގެން އޮފީސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ މިއަދު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ.