މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކާމެދު "މަނާކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ ދަށުން" ފިޔަވަޅު އެޅޭނެ އިޖުރާއަތްތައް ބަޔާން ކުރާ ގަވާއިދެއް އެކުލަވަލަން މަޖިލީހުން މީޑިއާ ކައުންސިލަށް އަންގައިފިއެވެ.

މިހެން އަންގާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއި ކުރައްވާ މިމަހު 1 ވަނަ ދުވަހު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ އަށް ފޮނުއްވި ސިޓީގައެވެ. އެ ސިޓީގައި ވަނީ މީޑިއާތަކުން ހަގީގަތާ ހިލާފު ހަބަރެއް ފަތުރާފައިވާނަމަ އެކަން ބަލައިދިނުމަށް އެދިފައެވެ.

އެ ސިޓީގައި ބުނީ، ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕްކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި، އަނިޔާ ލިބުނު ފަރާތުން ހިއްސާކޮށްފައިވާ މައުލޫމާތުތަކެއް ކަމަށް ބުނެ ތަފާތު ގޮތްގޮތަށް އެކިއެކި މީޑިއާތަކުން ހަބަރު ފަތުރަމުންދާ ކަމަށެވެ. އަދި މީގެ ސަބަބުން އާންމުންގެ ތެރޭގައި ނުތަނަވަސްކަމައި މަފުރަތު އުފެދެމުންދާކަން ރައްޔިތުންގެ މަޖިލީހުންގެ މުއައްސަސާއިން ފާހަގަ ކުރަމުންދާ ކަމަށް އެ ސިޓީގައި ބުނެއެވެ.

އެ ކޮމިޓީން ވަނީ މި މައްސަލައާ ގުޅޭގޮތުން ހަގީގަތާ ހިލާފު ހަބަރުތައް އެއްވެސް މީޑިއާއަކުން ފަތުރާފައިވާނަމަ އެކަން ބަލައިދިނުމަށް އެދިފައެވެ.

މި ސިޓީގަިއ އިތުރަށް ބުނީ ވަކި ގާނޫނެއްގެ ދަށުން ގާނޫނު ހެދުމުގެ ބާރު ވަކި ފަރާތަކަށް ދީފައިވާނަމަ އެހެން ގޮތަކަށް އެހެން ގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައު ނުވާހާ ހިނދަކު ގަވާއިދާ ހިލާފުވެއްޖެނަމަަ ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އެގޮތުން، މަނާކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ ދަށުން 2000 ރުފިޔާއަށް ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ސިޓީގައިވެއެވެ.

މި މައުލޫމާތު މިދިޔަ މަޗް 10 ވަނަ ދުވަހު މީޑިއާ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ހިއްސާ ކޮށްފައިވާނެ ކަމަށް މަޖިލީހުން ބުނެއެވެ.

އެހެންކަމުން މީޑިއާތަކުގެ ހަމަތަކާއި އަހްލާގީ މިންގަނޑާ ހިލާފަށް އަމަލުކުރާ މީޑިއާތަކާމެދު މަނާކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ އިޖުރާއަތްތައް ބަޔާން ކުރާ ގަވާއިދު އެކުލަވާލުމަށް މަޖިލީހުން ވަނީ މީޑިއާ ކައުންސިލަށް އަންގާފައެވެ. އެގޮތުން އެ ގަވާއިދު 8 ޖުލައިގެ ކުރިން މަޖިލީހަށް ހުށަހެޅުމަށް ވެސް މަޖިލީހުން ވަނީ އަންގާފައެވެ.

މަޖިލީހުން މީޑިއާ ކައުންސިލަށް މިފަދަ އަމުރެއް ކޮށްފައި ވާއިރު، މީޑިއާ ކައުންސިލަކީ ގާނޫނުގެ ދަށުން އެއްވެސް މީޑިއާއެއް ޖޫރިމަނާ ކުރުމުގެ ބާރު އޮންނަ ބައެއް ނޫނެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ހިންގި ޖިންސީ ގޯނާގެ މައްސަލައަކީ، ރޭޕް ކޭސްއެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެކަމުގައި ތުހުމަތުވާ މީހުން މަސްތުގެ ހާލުގައި ތިބި ކަމަށް ރިޕޯޓު ކޮށްފައި ވީނަމަވެސް، ފުލުހުން އެމީހުންގެ ސާމްޕަލެއް ނަގާ ޓެސްޓް ކޮށްފައެއް ނުވެއެވެ.