ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ރައީސް މޫސާ ނާސިހު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ދެއްވަމުން ނެރުއްވި ބަޔާނުގައި ވިދާޅުވީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީއަށް މިދިޔަ މަހު 23 ގައި ހުށަހެޅުނު، މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް އެ އެސޯސިއޭޝަނުގެ އިންޓާނަލް ކޮމެޓީ އިން ބަލާފައިވާ ކަމަށެވެ.

އަދި މި މައްސަލަ ހިންގާ ކޮމެޓީއަށް ހުށަހެޅުނު ނަމަވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތުމުން، އިތުރަށް އެ އެސޯސިއޭޝަނުގެ ރަައީސްގެ މަގާމުގައި ހުރުމަކީ ޒަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީ މަގާމުން އިސްތިއުފާ ދެއްވީ ކަމަށް އެ ބަޔާނުގައިވެއެވެ

ގެސްޓްހައުސް އެސޯސިއޭޝަނުގެ މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ހުށަހެޅި، އެ މައްސަލަ ކުރިއަށް ނުގެންދެވޭތީ، އެސޯސިއޭޝަނުގެ ރައީސް އިސްތިއުފާ ދެއްވިއިރު، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދުގެ އަހުލާގީ މައްސަލައެއްގައި އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރޭ އޭނާއަށް އަންގަވާފައެވެ.

އަލީ ވަހީދު، މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމަށްބުނެ މިނިސްޓްރީގެ މުވައްޒަފުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވާ އެ ވާހަކަތައް ހިއްސާ ކޮށްފައެވެ. އެގޮތުން އެ މިނިސްޓަރީގެ 12 މުވައްޒަފަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައުލޫމާތުލިބެއެވެ.

އަލީ ވަހީދުގެ މައްސަލަ މިހާރު ޖެންޑާ މިނިސްޓްރީ އަދި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާ ވަނީ އިސްތިއުފާ ދެއްވާ، ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވާ ކޮށްދެވުނު ހިދުމަތްތަކަށް ފަހުރުވެރިވާ ކަމަށް ވެސް ވިދާޅުވެފައެވެ.