ޓޫރިޒަމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަ ފުލުހުން ބަލަން ފަަށައިފި ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ފުލުހުން ބުނީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ މައްސަލައެއް ހުށަހަޅާފައި ވާކަމަށާއި މައްސަލަ މިހާރު ތަހުގީ ކުރަމުން ދާ ކަމަށެވެ.

އަދި ތަހުގީގު ކުރިއަށް ގެންދަނީ ޖިންސީ ގޯނާގެ ތުހުމަތުގައި ކަމަށާއި ކުރިއަށް ދާ ވަރަކުން ހާމަ ކުރަމުން ގެންދާނެ ކަމަށެވެ.

މިނިސްޓްރު އަލީ ވަހީދު، އެ ވުޒާރާގެ 12 ވަރަކަށް މުވައްޒަފުންނަށް ގޯނާ ކޮށް ފުރައްސާރަ ކުރި ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. އަދި ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވާ ގޮތުން، ބައެއް މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރަން މަސައްކަތް ކޮށްފައި ވަނީ މާލެއިން ބޭރުގައެވެ. އަދި އެއް ހާދިސާއެއްގައި މުވައްޒަފަކު ސަލާމާތް ވާން މޫދަށް ފުންމާލި ކަމަށްވެސް ބުނެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، މިނިސްޓަރު އަލީ ވަހީދާ ގުޅޭ ގޮތުން، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަށާއި، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާކަމަށެވެ.

އެހެންކަމަށް ވުމާއެކު އޭނާ އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައި ވާކަމަށް ހޫދު ވިދާޅުވިއެވެ.

އަދި މިއާއެކު އަލީވަހީދު ވަނީ އިސްތިއުފާ ދެއްވާފައެވެ.