ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވުމާއެކު އޭނާ އިސްތިއުފާ ދެއްވައިފިއެވެ.

އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހް އެންގެވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ސޯލިހަށާއި، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާތީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވިއެވެ.

ހޫދު މިހެން ވިދާޅުވެފައި ވާއިރު، އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އަންގަވާފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީ އާ ސުވާލުކުރުން އެމިނިސްޓްރީގެ މީޑިއާ ހެޑް ވިދާޅުވީ، ހުށަހެޅިފައި ވަނީ ކޮން މައްސަލައެއްކަން ހާމަ ކުރެވޭނީ ތަހުގީގު ކޮށްފައި ކަމަށާއި، ޖެންޑާ މިނިސްޓަރުގެ އިރުޝާދަކީ ވެސް ހޫދު ވިދާޅުވެފައި އޮތް މިންވަރަށް ހާމަ ކުރުން ކަމަށެވެ.

އަލީ ވަހީދާ ބެހޭ ގޮތުން ދާދި ފަހުން ވަނީ ސޯޝަލްމީޑިއާގައި ވެސް ގިނަ ތުހުމަތުތަކެއް ކުރެވިގެން ގޮސްފައެވެ. އޭނާ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޯނުން ގުޅުއްވާ ބޭއަދަބީ ވާހަކަ ދައްކަވާފައިވާ އެތައް އޯޑިއޯއެއް ވަނީ ލީކްވެގެން ގޮސްފައެވެ.

އެ މައްސަލަތައް ހޫނުވެގެން ދިޔަ އިރުވެސް، އޭނާ އިސްތިއުފާ ދެއްވަން ރައީސް އަންގަވާފައި ނުވާ އިރު، މިރޭ އިސްތިއުފާ ދެއްވަން އެންގެވީ، ޖެންޑާ އާ ގުޅުންހުރި މައްސަލަތަކެއް ފެންމަތިވެގެންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިގެ ސަރުކާރުގައި އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވި ފުރަތަމަ ވަޒީރަކީ އަލީ ވަހީދެވެ.