ކޮވިޑް-19 ޖެހިގެން ދިވެއްސަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު 13އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19ގައި މިއަދު 70 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށެވެ. އެ އެޖެންސީން ބުނީ، މަރުވެފައި ވަނީ މިއަދު މެންދުރު 1:00 އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ކަމަށާއި، އޭނާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 13 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 7 ދިވެހިންނާއި 5 ބިދޭސީންނެވެ. 7 ދިވެހިންގެ ތެރޭގައި 4 ފިރިހެނުންނާއި 3 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނެކެވެ.
މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
ރާއްޖެއިން ކޮވިޑް ޖެހިފައިވާ ޖުމްލް މީހުންގެ އަދަދަަށް ބަލާއިރު، 2501 މީހުންނަށެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 326 މީހުންނަށެވެ. އެއާއެކު ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ ޖުމަލް 2156 އަށް އަރާފައެވެ.