ރާއްޖެއަކީ ރުބެއްލާ ނެތް ގައުމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ނިންމައިފިއެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވިފައި ވަނިކޮށް މިއަހަރު ކުރީކޮޅު ރާއްޖެއިން ވަނީ ހިމަބިހި އަލުން ފެނިފައެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ތިން އަހަރުގެ ކުއްޖަކު ހިމަބިހި (މީސްލްސް) ޖެހިފައިވާ ކަމަށް ޝައްކުކުރެވުމާ ގުޅިގެން ކުރި ޓެސްޓް ތަކުން ކުއްޖާ ހިމަބިއްސަށް ޕޮސިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

އަދި އެކުއްޖާ ވަނީ 9 މަހުގަ އާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކޮށް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

މިދިއަ އަހަރުވެސް ރާއްޖޭގައި ވަނީ 66 ފަރާތެއް މީސްލްސް އަދި ރުބެއްލާއަށް ޓެސްޓް ކޮށްފައެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި 129 މީހަކު ތަހުލީލު ކުރި އިރު 8 މީހަކު ޕޮޒިޓިވް ވިއެވެ.

ނަމަވެސް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން މިހާރު ބަލި އެއްކޮށް ނައްތާލެވިފައިވާ ކަމަށާއި، އެކަން ޑަބްލިއުއެޗްއޯއިން ބަލައިގަނެ އަންގާފައިވަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ހިމަބިހި ފެތުރުނަ ނުދިނުމަށް މިހާތަނަށް 4449 މީހުންނަށް ވެކްސިން ދީ، 129 މީހަކު ބައްޔަށް ޓެސްޓުކޮށްފައިވާ އިރު 497 ސިއްހީ ހިދުމަތްތެރިން ހެލްތު މިނިސްޓްރީން ވަނީ ތަމްރީނުކޮށްފައެވެ.

ހިމަ ބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއް ކަމަށާއި ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް، މިބަލި ޖެހިފައިވާ މީހެއްގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.