13 މީހުންނާއެކު ދަތުރުކުރަމުން ދިޔަ މަސް ދޯންޏެއް ކަނޑުމައްޗަށް ބިންދައިގެން ދިއުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ބިންދައިގެން ގޮސްފައި ވަނީ "ދިރުން 4" ނަމަކަށް ކިޔާ ތ. ވޭމަންޑޫ، 91 ފޫޓުގެ މަސް ދޯންޏެއް ކަމަށެވެ.

ދޯނި ބިންދައިގެން ދިޔައީ ތ. ކިނބިދޫގެ ހުޅަނގު ދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުން ކަމަށާއި އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 07:10 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ދޯނީގައި ތިބީ 11 ދިވެހީންނާއި ދެ ބިދޭސީން ކަމަށާއި، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށާއި މިހާރު އެ އުޅަނދު ކައިރީ ކޯސްޓްގާޑު ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ބިންދައިގެން ދިޔަ ދޯނި ކަފު ޖަހާނެ ދޯންޏެއް ހަމަޖެއްސުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.