މާފުށީގައި ޖިންސީގޯނާ ލިބުނު ކުއްޖެއްގެ މަންމަ ރައްޔިތުންގެ ޕްރެޝަރާހެދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން، ކުއްޖާގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު، އެ އަންހެން މީހާ ދިރިއުޅޭ ގޭ ކައިރިއަށް އެއްވެ އޭނާ ރަށުން ބާލަން އިހުތިޖާޖު ކުރަން ފެށުމުންނެވެ.
އަންހެން މީހާއަކީ ދޮންބައްޕައަކު ޖީންސީ ގޯނާ ކުރި ކުއްޖާގެ މަންމައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހެއްގެ އިހުމާލު ވާކަމަށް ބުނެ އެމީހާއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ކ. މާފުށީގައި ބަޔަކު އިހުތިޖާޖު ކުރަމުން ދާ ކަމަށެވެ.
އެ އިހުތިޖާޖުގައި ހަމަނުޖެހުން ހިނގާފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އިހުތިޖާޖު ކުރިއަށް ގެންދާ ސަރަހައްދުގައި ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ.
ސޯޝަލް މިޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަންހެން މީހާ އިން ގެ ދޮށަށް ވަނީ ގިނަ އަދަދެއް މީހުން އެއްވެފައެވެ. އެގޭ ކުރިމަތީ ގެއަށް މީހަކު ވަނަ ނުދިނުމަށް ފުލުހަކު ހުންނަ ތަންވެސް ވީޑިއޯ އިން ފެނެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށުގެ މީހަކު ބުނީ، އެކުއްޖާ އަށް ޖިންސީ ގޯނާ ކުރި ދޮންބައްޕައަށް އެކަން ކުރުމަށް މަގުފަހިވެފައި ވަނީ ކުއްޖާގެ މަންމަގެ އިހުމާލެއް އޮތުމުން ކަމަށް ބެލެވޭ ކަމަށް އެތައް ބަޔަކު ބުނާ ކަމަށެވެ. އަދި އެ ސަރަހައްދަށް އެއްވެފައި ތިބި މީހުން ދަނީ އެ އަންހެން މީހާއާ މެދު ފިޔަވަޅު އެޅާ ރަށުން ބާލަން ގޮވަމުން ކަމަށެވެ.
މި މަހުގެ 1 ވަނަ ދުވަހު 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެއް ފުލުހުންނަށް ހުށަހަޅާފައި ވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ކުއްޖާގެ ދޮންބައްޕަ ވަނީ ހައްޔަރު ކޮށްފައެވެ. އެއީ އުމުރުން 57 އަހަރުގެ ފިރިހެނެކެވެ.
ކުއްޖާގެ ދޮންބައްޕަ އޭ ނު ކިއުން ރަނގަޅު. ކުޑަ ކުދިން ފަޅާ ކއތއ ކިޔަން ފެންނަނީ.