އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ގާއިމް ކޮށްފައިވާ ޕޯޓުތަކަށް އެތެރެކުރާ ގިނަ ބާވަތުގެ މުދަލުގެ ޑިއުޓީން 50 ޕަސަންޓް މާފުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން މިފަދައިން ފާސްކުރީ، އެކްސްޕޯޓް އޮމްޕޯޓް ގާނޫނަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި އިސްލާހުތައް ދިރާސާ ކުރުމަށް މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީއަށް ފަހުއެވެ. އެގޮތުން މި އިސްލާހުތައް ފާސްކޮށްފައި ވަނި 54 މެންބަރުންގެ ވޯޓާއެކުއެވެ.
50 ޕަސަންޓް ޑިއުޓީ ކަނޑާލާ ބައެއް މުހިންމު ޗެޕްޓާތަކުގެ ތެރޭގައި، ޗެޕްޓާ 22، 25، 33، 63، 70، 87 އަދި 96 ހިމެނެއެވެ.
ޗެޕްޓާ 22 -އަކީ ބުއިމަށް ބޭނުންކުރާ ބާވަތްތަކުގެ ތައްޔާރީ ދިޔާއެއްޗިއްސާއި ރާހުތް ހިމެނޭ ޗެޕްޓަރެވެ. އެގޮތުން ބަނގުރަލާއި ބަނގުރާ އެކުލެވޭ އެހެނިހެން ބާވަތްތަކާއި އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކް މި ޗެޕްޓަރުގައި ހިމެނެއެވެ. ޗެޕްޓާ 25 ގައި ހިމެނެނީ ލޮނާއި ސަލްފަރާއި ވެއްޔާއި ހިލަވެއްޔާއި، އުވަޖެހުމަށާއި ސިމެންތި ޖެހުމަށް ބޭނުންކުރާ ބާވަތްތަކެވެ. އެ ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުން 0 ޕަސެންޓް ޑިއުޓީ ނަގަން އިސްލާހު ހުށަހަޅާފައިވާތީ ކޮންމެ ޕޯޓަކަށް އެތެރެކުރިއަސް އެއަކަށް ބަދަލެއް ނާންނާނެއެވެ.
ޗެޕްޓާ 33 ގައި ހިމެނެނީ އެސެންޝިއަލް އޮއިލާއި ރެޒިނޮއިޑްސް އަދި މީރުވަސް ދުއްވުމަށާއި ރީތިވުމަށް އަދި ފެންވެރުމަށް ބޭނުން ކުރާ ސާމާނެވެ. އޭގެ ތެރޭގައި ސެންޓު ފަދަ ތަކެތި ހިމެނެ އެވެ. އެތަކެއްޗަކީ މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ދަށުން 20 ޕަސެންޓް ޑިއުޓީ ދައްކަން ޖެހޭ އެއްޗިއްސަށް ވަތީ އުތުރާއި ދެކުނުގެ ޕޯޓަށް އެތެރެކުރުމުން ޑިއުޓީ ލުއިވެގެން ދާނެއެވެ. އަދި ޗެޕްޓާ 63 ބޭނުންކޮށްފައި ހުންނަ އަންނައުނު، ކުނޑި ފޮތި ފޮތިން ހަދާފައި ހުންނަ އެހެނިހެން އެއްޗެހި، ބޭނުންކޮށްފައި ހުންނަ ފޮއްޗާއި ބޭނުންކޮށްފައި ހުންނަ ކުނޑި ފޮއްޗާއި ފޮތިން ހަދާފައި ހުންނަ ބައެއް އެޗެހި ހިމެނެއެވެ. އޭގެ ތެރޭގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗިހީގެ ގޮނޑީގެ އުރަވެސް ހިމެނެއެވެ.
ޗެޕްޓާ 70 ގައޮ ބިއްލޫރިން ތައްޔާރުކޮށްފައި ހުންނަ ތެކެތި އަދި ބިއްލޫރި ހިމެނޭއިރު، ޗެޕްޓާ 87 ގައި އެއްގަމުގައި ދުއްވާ އެއްޗެހި ހިމެނެއެވެ. މިއީ މިހާރު 100 ޕަސަންޓަށްވުރެ މަތިން ޑިއުޓީ ނަގާ ތަކެއްޗެވެ. ދެ ސަރަހައްދުގެ ޕޯޓަށް އެ ތަކެތި އެތެރެ ކުރުމުން 50 ޕަސެންޓް ޑިއުޓީ އޭގެން އުނިވެގެންދާނެއެވެ.
ޗެޕްޓާ 96 ގައި ހިމެނެނީ އުފައްދާފައި ހުންނަ ތަފާތު ވައްތަރުގެ އެއްޗިއްސެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންކުރާ ތަކެތި ހިމެނެއެވެ. އެއީ މިހާރު 200 ޕަސެންޓް ޑިއުޓީ ނަގާ އެއްޗިއްސެވެ. ނަމަވެސް އައްޑުއާއި ކުޅުދުއްފުށީ ޕޯޓަށް އެތެރެކުރުމުން އޭގެން 50 ޕަސެންޓް ޑިއުޓީ ކަނޑާލާނެއެވެ.
މީގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލަން ވަނީ ކޮމިޓީއިން ފާސްކޮށްފައެވެ. އެ އިސްލާހުގައި ދަގަނޑާއި އެކަތަ ޝީޓު، ޕްލޭޓު އަދި އިމާރާތްކުރަން ބޭނުންކުރާ ދަނގަނޑުން ކުރިން 5 ޕަސްންޓް ޑިއުޓީ ނަގަމުން އައިއިރު، އެއިން ޑިއުޓީ ނުނަގަން ވަނީ ހުށަހަޅާފައެވެ. އަދި ދަގަނޑުގެ ބާވަތްތަކުގެ ތެރެއިން ދަގަނޑު ޓިނުން ނަގާ ޑިއުޓީ 10 ޕަސެންޓަށް ބޮޑުކުރަން ވަނީ ހުށަހަޅާފައެވެ. ޒިންކުން ހަދާފައިވާ ހުންނަ ތަކެތީގެ ތެރެއިން ޓިނު، ތިނބި އަދި ދިޔަދޮވިން ކުރިން 15 ޕަސެންޓު ޑިއުޓީ ނަގަމުން އައިރު، އެއިން ވެސް ޑިއުޓީ ނުނަގަން ވަނީ ހިމަނާފައެވެ.
އަދި ސެރަމިކުން ހަދާފައި ހުންނަ ތަކެތީގެ ތެރެއިން ތަށިމުށިން 10 ޕަސެންޓް ޑިއުޓީ ނަގަމުން އައިރު، އެއިން ޑިއުޓީ ނުނަގަން ވަނީ ނިންމާފައެވެ. ޓޭބަލްވެއާ އާއި ކިޗަންވެއާއިން ނަގާ ޑިއުޓީ 15 ޕަސަންޓުން 5 ޕަސަންޓަށް ކުޑަކުރަން ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ބައިސްކަލާއި އޭގެ ބައިތަކާއި، އަދި ހެލްމެޓުން މިހާރު ނަގާ އިމްޕޯޓު ޑިއުޓީ ކަނޑާލަން ވެސް ވަނީ ފާސްކޮށްފައެވެ.