ސަލްޓަންޕާކުގައި ބޮން ގޮއްވާލި މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށް ފަހު ދޫކޮށްލި އަބްދުއްލަތީފް އިބްރާހިމްގެ މައްޗަށް އެހެން ކުށެއް ސާބިތުވުމުން އޭނާ އަށް ޖަލު ހުކުމެއް އަތުވެއްޖެއެވެ.

އޭނާ ހައްޔަރުކުރަން ދިޔައީ، މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު ރާވަމުންދިޔަ ކަމެއްގެ ތަހުގީގަށެވެ. އެނގިފައިވާ ގޮތުގައި ޖަލުގައި ތިބި މީހުން ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން، އެކަމާ ގުޅިގެން އަބްދުއްލަތީފް ހައްޔަރުކުރަން ދިއުމުން އޭނާ ވަނީ ފޯނު ފުލުހުނަށް ނުދީ ހަލާކު ކޮށްލާފައެވެ.

އެމައްސަލާގައި ދައުލަތުން ދައުވާ އުފުލީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާއެވެ. ގަމު މެޖިސްޓްރޭޓު ކޯޓުން ވަނީ އަބްދުއް ލަތީފު 1 އަހަރާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އޭނާ ހައްޔަރުކުރީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ފުލުހުން ތުހުމަތުކުރި 10 މީހަކު ގައުމު ދޫކޮށް ފިލައިގެން ދިޔައެވެ.