"ހިޔާ މަޝްރޫއު" ގެ ދަށުން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުގެ ނަންތައް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީށް އޮފީހުން ހާމަކުރީ، "ހިޔާ މަޝްރޫއު"ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ނަންތަކެވެ. އަދި އެ ފަރާތްތަކުގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން އެ ފަރާތްތަކާއި ފޯނުން ގުޅައި ކަށަވަރު ކުރުމުގެ މަސައްކަތްތަކުގެ ދަށުން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން ނުގުޅޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން މިއަދު ގެޒެޓް ކުރި ލިސްޓްގައި ހިމެނޭ ފަރާތްތަކަކީ، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދިH4 ،H5 ،H6 ، H8 އަދި H10 މި ކެޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތަކެވެ. އެ ލިސްޓުގައި، ޖުމްލަ 275 ފަރާތެއްގެ ނަން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން H7 އަދި H9 ކެޓަގަރީގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމުގެ މަސައްކަތް އަދި މުޅީން ނިމިފައިނުވާތީ، އެ މަސައްކަތް ނިމުމުން އެ ދެ ކެޓަގަރީން ނުގުޅޭ ފަރާތްތަކުގެ ލިސްޓްތައްވެސް އާންމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މިއީ ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުތައް ނޫން ކަމަށްވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ފާހަގަ ކުރެއެވެ.

ރައީސް އޮފީހުން ވަނީ އެ އޮފީހުން މިއަދު އާންމުކުރި ލިސްޓުގައި ހިމެނޭ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ 15:00ގެ ކުރިން، މި ލިންކުގައިވާ ފޯމު ފުރިހަމަ ކުރުމަށް އެދިފައެވެ.