ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތަޅާ ފޮޅުންތައް މައިތިރި ކުރުވުމަށް ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ) ގޮވާލައްވައިފިއެވެ.
މޫސަ ވިދާޅުވީ 47 އަހަރަށް ފަހު ފަތުރުވެރިކަން މުޅިން ހުއްޓި ގައުމު ދަތި ހާލުގައި ވަނިކޮށް އަލުން ދުނިޔެއަށް ގައުމު ހުޅުވާލާއިރު "ބަންގާޅީން"ގެ ތަޅާ ފޮޅުމާއި ހަމަނުޖެހުމާ ހުރެ ފަތުރުވެރިން ރާއްޖެއަށް އަންނަން ދެކޮޅު ހަދާ ދަރަޖައަށް ދިޔަ ނުދީ އެކަން ހުއްޓުވާ މައިތިރި ކުރުމަށް ފުލުހުންނަށް ގޮވާލައްވާ ކަމަށެވެ.
މޫސަ މިފަދައިން ގޮވާލައްވައިފައި މިވަނީ ދާދި ފަހުން ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން ތަކަކަށް މުސާރަ ނުދޭ މައްސަލައެއްގައި އެ ރަށުގައި މަސައްކަތް ކުރާ ބިދޭސީން އިހުތިޖާޖުކޮށް އެރަށުގައި އިމާރާތްކޮށްފައިވާ ބައެއް ތަންތަނަށާއި ތަކެއްޗަށް ގެއްލުން ދީފައި ވަނިކޮށެވެ. އަދި އެ މީހުން ވަނީ އެރަށުގައި ތިބި ދިވެހިން ރަހީނުވެސް ކޮށްފައެވެ. އެރަށަށް ފުލުހުން އަރަން އުޅުމުން ފުލުހުންނަށްވެސް ހަމަލާދީފައި ވާއިރު އެކަން މައިތިރިވީ މާލެއިން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުންގެ ފައުޖެއް އެރަށަށް ދިއުމުންނެވެ.
މީގެއިތުރުން އިއްޔެ ވަނީ ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި ހަދާ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެ މީހުން ހުޅުމާލޭގައި މުޒާހަރާ ކޮށްފައެވެ. އެ ބިދޭސީން މުޒާހަރާކޮށްފައި ވަނީ، އެ މީހުންނަށް އަށް މަސް ދުވަހުގެ މުސާރަ ނުދޭ ކަމަށް ބުނެއެވެ.
ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަށް ފަހު އެތައް މަހެއް ވަންދެން އެމީހުންނަށް މުސާރަ ނުދޭ މައްސަލާގައި ގިނަބަޔަކު އަންނަނީ އެމީހުންނާއި މެދު އެގޮތަށް އަމަލު ކުރާ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.