މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކ.ދިއްފުއްޓާއި އއ.ރަސްދުއަށް އުދަ އަރާ ގެއްލުންތަކެއް ވެއްޖެއެވެ.

"ދަ ޕަރްސެ" އަށް މައުލޫމާތު ދެއްވަމުން ދިއްފުށީ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް މުބައްސިރު ވިދާޅުވީ ލިބިފައިވާ ގެއްލުން އަންދާޒާ ކުރަން އަދި ނޭނގޭ ކަމަށާއި ނަމަވެސް މިއީ މިހާތަނަށް ދިއްފުއްޓަށް އެންމެ ބޮޑަށް އުދަ އެރި ދުވަސް ހަމަށެވެ.

މިއަދު މެންދުރު 2:00 ހާއިރުން ފެށިގެން މިއަދު ހަވީރު 4:30 އާ ހަމައަށް އުދަ އަރަމުން ގޮސްފައިވާ ކަމަށާއި ނަމަވެސް ދިޔަވަރު ހިކޭތީ މިވަގުތަށް އުދައެރުން ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިވަގުތު ރަށުގެ ރައްޔިތުން ގުޅިގެން ރަށުން ލޮނު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ގެތަކަށް ލޮނު ވަނުން ހުއްޓުވުމަށް ވެލިބަސްތާ ބޭނުންކޮށް ބަންދުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ވާނީ މިހާރު ހުރިހާ ގެތަކެއް ބްލޮކް ކޮށްލާފަ، އެހެން ވީމަ މިހާރު އެއްވެސް ގެއަކަށް ނުވަންނާނެ، އެކަމަކު މަގުތަކުގައި އަދިވެސް ލޮނުގަނޑު އެބައޮތް، އެންމެ ފުރަތަމަ ބެލީ އާންމުން ވެގެން ލޮނުގަނޑު ހިއްކޭތޯ، އެމްއެންޑީއެފްގައި ރިކުއެސްޓެއް ނުކުރަން މިއަދަކު. އާންމުކޮށް އަރާ އެކަމަކު މިއަދު މި އެރި ވަރަކަށް ނޫން އަރަނީ
ދިއްފުށީ ކައުންސިލް ނައިބް ރައީސް
ދިއްފުއްޓަށް އުދަ އަރާ ބޮޑެތި ގެއްލުންތަކެއް / ފޮޓޯ: ސޯޝަލް މީޑިއާ

ދިއްފުށީގެ އިތުރުން މިއަދު ވަނީ އއ. ރަސްދުއަށް ވެސް އުދަ އަރާފައެވެ.

ރަސްދޫ ކައުންސިލުން ބުނީ ހަތަރު ގެ އަކަށް ލޮނު ވަދެފައިވާ ކަމަށާއި މިހާރު ކުރެވެމުން ދާ މަސައްކަތަކީ މަގުތަކުން ލޮނު ހިއްކުން ކަމަށެވެ.

ރަސްދޫއަށް އުދަ އަރާ ލޮނު ހިއްކަނީ

އެގޮތުން ރަށުގެ ރައްޔިތުންނާއި ރަށުގައި ތިބި ފުލުހުން ގުޅިގެން ކޯރު ކަނޑައިގެން ރަށުން ލޮނު ބޭރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

ވިއްސާރަ މޫސުމުގައި އުދަ އެރުމަކީ ރާއްޖެއަށް ދިމާވެފައިވާ ހައްލުކުރަން އުނދަގޫ މައްސަލައެކެވެ.

މެޓް އޮފީހުން މިއަދު ބުނެފައި ވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށެވެ. އެ ގޮތުން ދެކުނާއި ހުޅަނގު ދެކުނުން މެދު ރާއްޖެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރު މިނުގައި އަދި އެހެނިހެން ހިސާބުތަކަށް 8 މޭލާއި 18 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައި ވާއިރު ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓަށް އުފުލޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ކަނޑުތައް މެދުރާއްޖެ ތެރެއަށް ގަދަވާނެ ކަމަށާއި އެހެނިހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެތް އޮފީހުން ބުނެއެވެ.