ހުޅުމާލޭގައި ބިދޭސީން އިހުތިޖާޖެއް ހިންގާ، އެކަން ކޮންޓްރޯލް ކުރަން ދިޔަ ފުލުހުންނާ ބިދޭސީން ކުރިމަތި ލައިފިއެވެ.

ހުޅުމާލޭގައި ބިދޭސީންތަކެއް އިހުތިޖާޖު ކުރަމުން ދާއިރު ފުލުހުން ވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. މައުލޫމާތު ލިބޭގޮތުގައި މުޒާހަރާ ކުރަމުން ދަނީ ފުލުހުންނާއި، ސިފައިންގެ ފްލެޓުތައް ހަދަމުންދާ އައިލެންޑް އެކްސްޕާޓު ކުންފުނީގެ ބިދޭސީންތަކެކެވެ.

މި ކުންފުނީގެ ބިދޭސީންގެ އިތުރުން، އެހެން ބިދޭސީންތަކެއް ވެސް އެ މީހުންނާ އެކު އިހުތިޖާޖު ކުރަމުންދާ ކަމަށް މައުލޫމާތުދެއެވެ.

'ދަ ޕްރެސް' އަށް ލިބިފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބިދޭސީންނާއި، ފުލުހުންނާ ދެމެދު ހަމަނުޖެހުން ވަނީ ހިނގާފައެވެ. ނަމަވެސް، ފުލުހުން ބުނީ، ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ.

ފުލުހުން ބުނީ މިއަދު 12:00 ހާއިރު ބިދޭސީންތަކެއް މުސާރަ ނުލިބޭތީ އެމީހުން މަސައްކަތް ކުރާ ކުންފުނީގެ އޮފީސް ކައިރިއަށް އެއްވެފައިވާ ކަމަށެވެ. އަދި ފުލުހުން ގޮސް ވާހަކަ ދެއްކުމުން މިހާރު އެމީހުން ވަނީ އެތަނުން ގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.

ބިދޭސީންތަކެއް ހުޅުމާލޭގައި އިހުތިޖާޖު ކޮށްފައި ވާއިރު، މިދިޔަ ބުރާސްފަތި ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނިން ބ އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި މަސައްކަތްކުރާ، ދޭސީންތަކެއް ވަނީ ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގާފައެވެ. އެމީހުން ހަމަނުޖެހުން ހިންގީ 6 މަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެއެވެ.

މި ހަމަނުޖެހުމުގައި އެރަށަށް އަރަން އުޅުނު ފުލުހުންގެ ބަޔަކަށް އަނިޔާވެފައި ވާއިރު، ހަމަނުޖެހުން ހައްލު ކުރުމަށް ފުލުހުންނަށް އެރަށަށް އެރުނީ މާލެއިން ފުލުހުން އެރަށަށް ގޮސްގެން ތިން ވަނަ ފަހަރަށް ކުރި މަސައްކަތުންނެވެ. މި ހަމަނުޖެހުމުގައި 19 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވާއިރު، އެމީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ތުހުމަތުވެސް ކޮށްފައެވެ. މީގެ އިތުރުން ރިޒާގެ ކުންފުނި، ރިޒް ކޮމްޕެނީއަށް ވަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައެވެ.