15 ރަށަަކުން ގޯތި ދޫކުރުމުގެ ހުއްދައަށް އެދިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނސްޓަރު ވާހަކަ ދައްކަވަމުން ވިދާޅުވީ، ގޯތި ދޫކުރުމުގެ ހުއްދައަށް 14 ރަށަަކުން އެދިފައިވާ ކަމަށެވެ. ނަމަވެސް މިނިސްޓަރު އެރަށްރަށުގެ ލިސްޓު ވިދާޅުވަމުން ވަނީ 15 ރަށެއްގެ ނަމް ވިދާޅުވެފައެވެ. އެ ރަށްރަށަކީ، ހދ. ހަނިމާދޫ، ނ. ކެނދިކުޅުދޫ، ލ. ދަނބިދޫ، ށ. ކަނޑިތީމު، ނ. ވެލިދޫ، ތ. މަޑިފުށި، ހއ. ބާރަށް، ށ. ބިލަތްފަހި، އދ. މާމިގިލި، ފ. ދަރަނބޫދޫ، ލ. މާމެންދޫ، ހއ. އިހަވަންދޫ، ރ. އިންނަމާދޫ، ތ. ވަންދޫ އަދި ތ. ކަނޑޫދުއެވެ.

ގާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ލޭންޑް ޔޫސް ޕްލޭނެއް ހަދާ ގޯތި ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް 14 ރަށަކަށް އަންގަވާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އަދި މިހާލު ލޭންޑްޔޫސް ޕްލޭން ހަދަމުން ގެންދަނީ ރަށްރަށުން ކަމަށް ވުމާއެކު، ލޭންޑްޔޫސް ޕްލޭން ނުހެދި ހުރި ރަށްރަށުންވެސް އެ މަސައްކަތް ނިންމާ ގޯތި ދެވެން ހުރި ގޮތްތައް ބަލާ އެކަންކަން ކުރިއަށް ގެންދަން މިނިސްޓްރީގެ އިރުޝާދު ވަނީ ދީފައެވެ.

މިނިސްޓަރު ފާހަގަ ކުރެއްވި 15 ރަށުގެ ތެރެއިން ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައިވާ ރަށްތަކަށް މިހާރުވެސް ގޯތި ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށާއި ލޭންޑް ޔޫސް ޕްލޭން ނެތް ރަށްރަށުން އެ ޕްލޭން ހެދުމުގެ މަސައްކަތް ފަށަން ވީ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހަމައެއާއެކު ރަށުން ގޯތި ލިބި ރަށުގައި ނޫޅޭ މީހުންނާ ހެދި ފަޅު ގޯތި ހުންނަ ކަމަަށާއި، އެކަމުގެ ސަބަބުން ރަށުގައި އުޅޭ މީހުންނަށް ގޯތި ނުދިނުމަކީ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން ރަށުގައި ދިރިއުޅޭ ކިތައްމެ ކުޑަ އާބާދިއަކަށް ވިޔަސް އެ މީހުންނަށް ގޯތިގެދޮރު ލިބުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށް އަސްލަމް ފަހާގަ ކުރެއްވިއެވެ.

މާލެ ނޫން އެހެން ރަށްރަށުގައި ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.