ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 12 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19ގައި މިއަދު ހެނދުނު 4:35 ހާއިރު 80 އަހަރުގެ ދިވެހި ފިިރިހެނަކު މަރުވެފައިވާ ކަމަށެވެ. އެ އެޖެންސީން ބުނީ، މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ހޯދަމުން ދިޔަ މީހަކު ކަމަށެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 12 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 7 ދިވެހިންނާއި 5 ބިދޭސީންނެވެ. 7 ދިވެހިންގެ ތެރޭގައި 4 ފިރިހެނުންނާއި 3 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނެކެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

ރާއްޖެއިން ކޮވިޑް ޖެހިފައިވާ ޖުމްލް މީހުންގެ އަދަދަަށް ބަލާއިރު، 2468 މީހުންނަށެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 403 މީހުންނަށެވެ. އެއާއެކު ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ ޖުމަލް 2049 އަށް އަރާފައެވެ.