ރައްޔިތުން މަޖިލީހުގެ ކުރީގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތަށް ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރުކަން ދެއްވައިފިއެވެ.

އެކަން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު "ދަޕްރްސް" އަށް ވަނީ ޔަގީން ކޮށްދެއްވާފައެވެ. ނަމަވެސް އަމީތު އެ މަގާމަށް އައްޔަން ކުރެއްވީ ކޮން އިރަކު ކަމެއް ހާމައެއް ނުކުރައްވައެވެ.

އަމީތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. އަދި ޕީޕީއެމްގެ އިސް ސަފުގައި އޭރު ހަރަކާތްތެރި ވެވަޑައިގަތެވެ. ނަމަވެސް މަޑު މަޑުން އޭރުގެ ސަރުކާރަށް ފެޔަށްޖެހި އަމީތު ވަނީ އޭރުގެ އިދިކޮޅާ ގުޅިވަޑައިގެން އިސްލާހީ މަސައްކަތްތުގައި އުޅުއްވާފައެވެ. އެގޮތުން އޭނާ ވަނީ އޭރު ބޭއްވި ގިނަ މުޒާހަރާތަކެއްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

މުޒާހަރާތަކުގައި ބައިވެރިވުމުން އޭނާ ވަނީ އެތައް ފަހަރު ހައްޔަރުވެސް ކޮށްފައެވެ. ޕީޕީއެމް ދޫކުރައްވައި އިދިކޮޅާ ގުޅިވަޑައިގަތް 12 މެމްބަރެއް މަޖިލީހުން ވަކިވެފައިވާ ކަމަށް، ސުޕްރީމް ކޯޓުގެ އަމުރަކަށް ބިނާކޮށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލައާ ގުޅިގެން އަމީތުވެސް ހިމެނިވަޑައިގަންނަވާހެން 12 މެންބަރުންގެ ގޮނޑިވެސް ރައީސް ޔާމީންގެ ވެރިކަމުގައި ގެއްލިގެން ދިޔައެވެ.

އަމީތަކީ މިހާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުގެ ކޮއްކޯފުޅެވެ.