ފުލުހުންގެ ބިލު މަޖިލީހަށް ވައްދައިގެން ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރާ މަސައްކަތަކީ ދާދި ފަހުން ހިނގި ރޭޕްކޭސް އޮއްބާލުމަށް ކުރާ ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅުން މަޖިލީހަށް ފޮނުވި ސީޓިއެއްގައި ބުނީ ފުލުހުންގެ ބިލު މަޖިލީހަށް ވައްދައިގެން ރައްޔިތުންގެ ހިޔާލު ހޯދާ ކަމަށް ބުނެ ފުލުހުންގެ އަގު ވައްޓާލަން މަސައްކަތް ކުރައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖައްސަވާ ސަކަރާތަކީ ދާދި ފަހުން ހިނގި ރޭޕްކޭސް އޮއްބާލުމަށް ކުރާ ކަމެއް ކަމަށެވެ.
ހަމައެއާއެކު ރައްޔިތުން މަޖިލީހުގެ މައިނޯރިޓީއަށް ފުރުސަތު ދިނުމެއް ނެތި މައިނޯރިޓީގެ އަޑު މަޖިލީހުގެ ތެރެއިން ކަނޑުވާލުމަށްފަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ގޮތަށް ވަރަށް ހުދުމުހުތާރުކޮށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަވާތީ އެކަން ކުށްވެރިކުރާ ކަމަށް އިދިކޮޅުން ބުނެއެވެ.
އިދިކޮޅު ކޯލިޝަންގެ އަޑު ކަނޑުވާލުމާއެކު މަޖިލީހުގައި އިދިކޮޅުގެ އަޑު އިއްވަމުން ގެންދަވާ މެންބަރުންނަށް ހަމަލާ ދިނުމާއި އެކިއެކި ގޮތްގޮތުން ޖެއްސުން ކުރުން ފަދަ ކަންކަން މަޖިލީހުގައި ރައީސް ނަޝީދުގެ ކޮންޓްރޯލް އޮންނަ މެންބަރުން މެދުވެރިކޮށް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އިދިކޮޅުން ބުނެއެވެ. އެގޮތުން އިދިކޮޅު މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ތަކުރާރުކޮށް ގޮވާލާފައިވާ ކަމަށާއި ނަމަވެސް އެ ގޮވާލުންތަކަށް އިޖާބަ ދިނުމެއް ނެތި އެ ގޮވާލުންތަކަށް ރައީސް ނަޝީދު ދެއްވީ ބީރު ކަންފަތެއް ކަމަށް އިދިކޮޅުން ފޮނުވި ސިޓީގައި ވެއެވެ.
މީގެ އިތުރުން ގާނޫނު ހަދާ މަޖިލީހުން ގާނޫނު ހެދުމާއި ގާނޫނު ތަންފީޒު ކުރުމުގެ ބާރާއި ކޯޓުތައް ވެސް ވަނީ ނަޝީދުގެ މުށުތެރޭގައި ކަމަށާއި ފުލުހުންގެ މުއައްސަސާވެސް އެމަނިކުފާނުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަކީ އެއްވެސް ގޮތަކަށް ރައްޔިތުން ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށް އިދިކޮޅުން ބުނެއެވެ. މުޅި ދައުލަތް ނަޝީދުގެ މުށުތެރެއަށް ލުމަށްފަހު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައިސް އަބްދުﷲ ޔާމީން ނުހައްގުން ޖަލުގައި ބަހައްޓައިގެން މަޖިލީހަކީ ވާދަވެރިންނަށް އަނިޔާކުރާ ތަނަކަށް ހައްދަވާފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ.
ދާދި ފަހުން ހިނގި ރޭޕް ކޭސް ފަސްލާ ފޮރުވަން މަސައްކަތް ކުރާ ކަމަށް ބުނެފައި ވަނީ އެއީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައާ ގުޅުވައިގެން އިދިކޮޅުން ބުނެފައިވާ ވާހަަކއެކެވެ. އެ މައްސަލަައިގައި ތުހުމަތު ކުރެވޭ ދެފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި އާއިލީ އެހެން ފަރާތެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މި ސަރުކާރަށް އަމާޒުވެފައެވެ.
ނަމަވެސް މި މައްސަަލައިގައި ތުހުމަތު ކުރެވޭ ދެމީހުން ވަނީ ހައްޔަރަު ކުރުމަށްފަހު ދޫކޮށްލާފައެވެ. އަދި ރޭޕް ކުރިކަމަށް ކުރިން އެ ބިދޭސީ މިހާ ބުނި ނަމަވެސް ފަހުން ބުނެފައި ވަނީ އޭނާއަށް ވަނީ ޖިންސީ ގޯނާ ކޮށްފައި ކަމަށެވެ. މި މައްސަލަ އަދިވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.