ނިއު ނޯމަލް ގައި ޝަރުއީ ކޯޓުތަކާއި އިދާރާތައް ހުޅުވާ އިރު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އިނގިލީގެ ނިޝާން ޖަހަން ނުޖެހޭނެ ގޮތަކަށް ހަމަޖެއްސުމަށް އެދިއްޖެއެވެ.
ނިއު ނޯމަލް ގައި ޝަރުއީ ކޯޓުތަކާއި އިދާރާތައް ހުޅުވައި ހިދުމަތް ދިނުމުގައާއި މަސައްކަތްތައް އިންތިޒާމު ކުރުމުގައާއި އަދި މުވައްޒަފުން އަމަލު ކުރަންޖެހޭ ގޮތް ބަޔާންކޮށް އެކުލަވާލާފައިވާ އުސޫލު އާންމުކޮށްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެއެވެ.
އެ އުސޫލުގައި ކޯޓުތަކާއި އިދާރާތަކުގެ މުވައްޒަފުން ނިއު ނޯމަލްގައި ވަޒީފާއަށް ހާޒިރުވެ އިނގިލީގެ ނިޝާން ޖަހަން ނުޖެހޭނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށާއި މުވައްޒަފެއްގެ ޖަގަހައަށް ދިއުމުގެ ކުރިން އަތް ދޮވެ ހޭންޑް ސެނެޓައިޒް ކުރެވޭނެ ގޮތަކަށް ވެސް ކަންކަން ހަމަޖެއްސުމަށް ބުނެއެވެ. މުވައްޒަފުން ގިނައިން ބޭނުންކުރާ ތަންތަނާއި ތަކެތި ގިނަގިނައިން ޑިސްއިންފެކްޓް ކުރުމަށާއި މަސައްކަތުގެ މާހައުލުގައި މުވައްޒަފުން ތިބޭ އިރު ތަނުގައި ތޮއްޖެހިފައިވާ ނަމަ ދަންފަޅިއަށް ބާހަލައިގެން ތޮއް ނުޖެހޭނެ ގޮތަކަށް މަސަައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ އުސޫލުގައި ބުނެއެވެ.
މަސައްކަތު ގަޑި ނިމުމުން އަވަހަށް އޮފީސް ބަންދުކުރުމާއި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްވެސް، ހަވީރު 4:00 ގެ ފަހުން އޮފީސް ހުޅުވާފައި ބަހައްޓަން ނުޖެހޭ ގޮތަށް މަސައްކަތް އިންތިޒާމު ކުރުމާއި ރަސްމީގަޑީގެ ފަހުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ގޭގައި ތިބެގެން ކުރެވޭނެ ގޮތަށް އިންތިޒާމު ކުރުން ވެސް ހިމެނެއެވެ.
ހަމައެއާއެކު ކޯޓު ނުވަތަ އިދާރާގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ނަމަ ނުވަތަ އެއިން މުވައްޒަފެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަ ނަމަ އެކަމުގައި އަމަލު ކުރުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އެސް.އޯ.ޕީއާ އެއްގޮތަށް އަމަލު ކުރުމަށް އެ އުސޫލުގައި ބުނެއެވެ. ކޮންމެ މުވައްޒަފެއްވެސް މިހާރު ދިރިއުޅޭ އެޑްރެސް މުވައްޒަފުންގެ ދަފްތަރުގައިު ހިމަނައި އެއިން ގެއެއް މޮނިޓަރުންގެ ގެ ހާލަތަށް ގެންގޮސްފި ނަމަ އެކަން އޮފީހަށް އަންގައި އެ މުވައްޒަފަކަށް ގޭގައި ހުރެގެން މަސައްކަތް ކުރެވޭނެ ގޮތަށް ހަމަޖައްސައި ދިނުން ނުވަތަ އެ މުވައްޒަފަކަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސައި ދިނުން ވެސް އެ އުސޫލުގައި ހިމެނެއެވެ.
އަދި ކޯޓު ނުވަތަ އިދާރާގައި އުޅޭ މުވައްޒަފެއް މި ބައްޔަށް ޕޮޒިޓިވްވެއްޖެ ނަމަ އެ މުވައްޒަފަކަށް ޗުއްޓީއެއް ހަމަޖއްސައި ދިނުމާއި އެކު ގެއަށް ދެވެންދެން އެކަހެރިކޮށްފައި ބެހައްޓޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަން ޖެެހޭ ކަމަށްވެސް އެ އުސޫލުގައި ވެއެވެ. ހަމައެއާއެކު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށެއް ނަމަ އެ ރަށެއްގެ ކޯޓަށް ހާޒިރުވާ މީހުންގެ ހުންބެލޭނެ ގޮތް އިންތިޒާމްކުރަން ޖެހެއެވެ.
މީގެ އިތުރުން ކޯޓު ނުވަތަ އިދާރާތަކުން އަޅާނެ ފިޔަވަޅުތައް:
- 60 އަހަރުން މަތީގެ މުވައްޒަފުންނާއި މާބަނޑު މުވައްޒަފުންނާއި ބޮޑެތި ބަލިތަކަށް ބޭސްކުރާ މުވައްޒަފުން އޮފީހަށް ނެރުން މަދުކުރުން
- ވީވަރަކުން އެމުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުން.
- ކޯޓަށް ނުވަތަ އިދާރާއަށް ހުށަހަޅަންޖެހޭ ތަކެތި އޮންލައިންކޮށް ބަލައިގަތުން
- ރިސެޕްޝަން މުވައްޒަފާއި އޮފީހަށް އަންނަ ފަރާތްތަކާ ދެމެދު "ގައި ދުރުމިން" ހުންނާނެ ގޮތް ގާއިމްކުރުން.
- އޮފީހުގައި ލިޔެކިޔުންތައް ޕްރިންޓްކޮށްގެން ދައުރު ނުކޮށް، ޑިޖިޓަލައިޒް ކުރުމާއި އޮންލައިންކޮށް ސޮއި ކުރެވޭނެ ގޮތް ގާއިމް ކުރުން.
- ނަގުދު ފައިސާ ބަލައިނުގަނެ "ބަނޑޭރި ޕޭ" މެދުވެރިކޮށް ފައިސާ ބަލައިގަތުން.
- ގިނަ މުވައްޒަފުން އެއްވާ ފަދަ ބައްދަލުވުންތައް ނުބޭއްވުމާއި އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުން
- މުވައްޒަފުން އެއްވެ ބާއްވާ ބައްދަލުވުންތަކުގައި ގައިދުރުކަން ކަށަވަރުކުރުން.
- ސާފުކުރުމުގެ މަސައްކަތް ކުރާ މުވައްޒަފުންނަށް ޑިސްއިންފެކްޝަން ޕްރޮސެސްގެ މައިލޫމާތު ދިނުން.
- އޮފީހުގެ މާހައުލުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެނގޭނޭ ޕޯސްޓަރުތައް ބެހެއްޓުން.
- ކޯޓު ނުވަތަ އިދާރާގެ ތެރެއަށް އެއްފަހަރާ ވަކި އަދަކަށް މީހުންނަށް ވަދެވުން.
- އިދާރާގެ ތެރެއަށް ވަދެވޭނެީ މާސްކް އަޅައިގެން
މުވައްޒަފުން ޢަމަލު ކުރަންޖެހޭ އުސޫލުތައް:
- ރައްކާތެރިވާން އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމާއި މާސްކު އެޅުމާއި އަމިއްލަ ސަނިޓައިޒާ އަތްމަތީގައި ގެންގުޅުން.
- ކޮވިޑްގެ އަލާމާތް ހުރި ނަމަ އެކަން ސުޕަވައިޒަރަށް އަންގައި، މުއައްޒަފަށް ހައްގުވާ ޗުއްޓީ ނެގުން.
- އައިސޮލޭޝަން ނުވަތަ ކަރަންޓީން ނުވަތަ މޮނިޓަރިންގެ ހާލަތަށް މުވައްޒަފު ގެންގޮސްފިނަމަ އެކަން އޮފީހަށް އަންގައި ހާއްސަ ޗުއްޓީ ހަމަޖައްސަން އެދުން.
- އެހެން މުވައްޒަފުންގެ މަސައްކަތު ޖަގަހައަށް ނުދިއުން
- ކެއްސާ ކިނބިހި އަޅާއިރު، އުޅަނބޮށީގެ އެތެރެފުށް ބޭނުން ކޮށްގެން އަނގަމަތި ނިވާކުރުން
- ތިމާގެ ފޯނާއި އަތް ދަބަސް ފަދަ ތަކެތި އެހެން މުވައްޒަފުންގެ މޭޒުގައި ނުބެހެއްޓުމާއި އެހެން މުވައްޒަފުންގެ ތަކެތި ބޭނުން ނުކުރުން.
- ކައިބޮއި ހަދާނަމަ، އަމިއްލަ މޭޒު ކައިރީގައި އެކަން ކުރުން އަދި އެކަމަށްޓަކައި އަމިއްލަ ތަށްޓާއި ސަމްސާފަދަ ތަކެތި އޮފީހުގައި ގެންގުޅުން.
- ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް އޮފީހަށް ހާޒިރުވުމާއި ހަވާލު ކުރެވިފައިވާ މަސައްކަތް އޮފީހުން އަންގާ ގޮތެއްގެ މަތީން ނިންމަމުން ގެންދިއުން.
- އޮފީހުގައި މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ 6 ގަޑިއިރުގެ ތެރޭ މަސައްކަތްކުރުން އަދި ގަޑި މަދުވާނަމަ ބާކީބައި ގޭގައި ކުރުން.
އެހެނިހެން އުސޫލުތަކުގެ ތެރޭގައި އޮފީހުގެ އާއްމު ސަރަހައްދުތަކުގައި ގައިދުރުމިން ބެހެއްޓޭނޭ ގޮތަށް އިންތިޒާމު ކުރުމާއި އެކަން ކަށަވަރުވާނެ ގޮތަށް މެނުވީ އާއްމު ފަރާތްތައް އިދާރާގެ ތެރެއަށް ނުވެއްދުމާއި ހިދުމަތް ހޯދާ ފަރާތްތަކަށް އަތް ދޮވެވޭނެ އިންތިޒާމު ނުވަތަ ސެނިޓައިޒް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. އޮފީހުން ބޭރުގައި އަމަލީ މަސައްކަތް ކުރަންޖެހޭ މުވައްޒަފުންގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރުމާއި މިފަރާތްތަކުގެ ޙާލަތު ރަނގަޅަށް މޮނިޓާ ކުރުން ވެސް ހިމެނެއެވެ. އަދި އުސޫލާ އެއްގޮތަށް މަސައްކަތް ކުރެވޭކަން އިދާރާގެ އެންމެ އިސްވެރިން ކަށަވަރު ކުރުމާއި އުސޫލާ ހިލާފްވާ މުވައްޒަފުންނާ މެދު ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 އާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމަށްވެސް އެ އުސޫލުގައި ވެއެވެ.