މެދުރާއްޖެތެރޭގެ ރަށެއްގައި އުމުރުން 10 އަހަރުގެ ދޮންދަރިއަށް ޖިންސީ ގޯނާކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކުރި އުމުރުން 57 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓާއިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް މިއަދު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މެދުރާއްޖެތެރޭގެ ރަށެއްގައި 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކުރީ އިއްޔެ ހަވީރެވެ.

ފުލުހުން ބުނީ، ފުލުހުންގެ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ، އއ، އދ، ވ) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހު 1 ވަނަ ދުވަހު ފުލުހުންނަށް ހުށަހާޅާފައިވާ ކަމަށެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއް ގޮތުގައި ބަލަމުންދާ މައްސަލަތަކެކެވެ. އެހެންކަމުން ކުއްޖާގެ މައުލޫމާތު ހާމަ ނުކުރާނެ ކަމާށާއި ކުއްޖާގެ އައިޑެންޓީޓީ ރައްކާތެރި ކުރާނެ ކަމަށް ފުލުހުން ބުނެއެވެ. މިފަދަ ހާދިޔާތައް ހިނގާ ރަށާއި އަތޮޅު ހާމަ ނުކުރަނީ ވެސް އެހެންވެއެވެ.

ކުޑަކުދިންނާ ބެހޭ ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވަމުން އަންނަ އަދަދު މިވަނީ އަނެއްކާވެސް އިތުރުވެފައެވެ. އަދި އެފަދަ ކަންކަމާ ދެކޮޅަށް މީހުން ދަނީ އަޑުއުފުލަމުންނެވެ. މިދިޔަ ހޯމަ ދުވަހާއި އިއްޔެ ހަވީރު ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ވަނީ ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ޖެންޑާ މިނިސްޓްރީ ކުރިމަތިން، ބޮޑުތަކުރުފާނުމަގު ބޭންކް އޮފް މޯލްޑިވްސް އާ ހަމައަށް ހިނގާލާފައެވެ. މި މުޒާހަރާގައި ބައިވެރިން ވަނީ އެ ބައިވެރިންނާ ދިމާވި ބައެއް ހާދިސާތައް ހިއްސާކޮށްފައެވެ.