އަންހެން ކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުންދާ ކަމީ ނިހާޔަތަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންހެން ކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި އިޖުތިމާއީ ގޮތުން ހުތުރުކަން ބޮޑު ލާއިންސާނީ އަމަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ، މިކަން މުޖްތަމައުން މުޅިން ލުހެލުމަށްޓަކައި އެންމެން ގުޅިގެން ވަރުގަދަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށެވެ.
މައުމޫން މިހެން ވިދާޅުވެފައި ވާއިރު، ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު މިހާރަކަށް އައިސް ވަނީ ގިނަވެފައެވެ. ބެލެވޭ ގޮތުގައި މިފަދަ މައްސލަަތައް ރިޕޯޓް ކުރާ މިންވަރު ގިނަވެފައި ވަނީ އެކަމާ ދެކޮޅަށް އާންމުން އަޑުއުފުލާ މުޒާހަރާ ކުރަމުން ދާތީއެވެ.
މިހާރަކަށް އައިސް ފުލުހުން ދަނީ ރޭޕްކުރާ ފަރާތްތަކުގެ ފޮޓޯއާއި ވަނަވަރު އާންމު ކުރަމުންނެވެ. އެގޮތުން، މިއަދު ވެސް ފުލުހުން ވަނީ އުމުރުން 15 އަހަރުގެ ނުކުޅުދުންތެރިކަން ހުއްނަ ކުއްޖަކު ރޭޕް ކޮށް، އެ ކުއްޖާ ބަޑުބޮޑުވި މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން މީހަކު ބަންދުކޮށް އޭނާގެ ފޮޓޯއާއި ވަނަވަރު އާންމު ކޮށްފައެވެ. މިއަދު އާންމުކޮށްފައި ވަނީ، ފ. ފީއަލީ/ފީރޯޒްގެ، އިބްރާހިމް ޝާފިއު (37އ)ގެ ވަނަވަރެވެ.
އަދި ޝަހުސް އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން ކުޑަކުއްޖަކު ގެންގޮސް އެ ކުއްޖާ ރޭޕް ކޮށްފައިވާ މައްސަލާގައި މިދިޔަ ޖޫންމަހުގެ 23 ވަނަ ދުވަހު ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަހުމަދުގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމު ކޮށްފައެވެ. މީގެ އިތުރުން، 11 އަހަރުގެ ކުއްޖަކު ގްރޫމް ކޮށްގެން މާލޭގެ ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކުރި މައްސަލައަކާއި ގުޅިގެން ފުލުހުން ވަނީ މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހު ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީ (38އ) ގެ ވަނަވަރުވެސް އާންމުކޮށްފައެވެ.
މީގެ އިތުރުން، ޖިންސީ ގޯނާއާ ރޭޕް ކުރުން ފަދަ މައްސަލަތަކުގައި އިންސާފު ނުލިބި، މުޅި ސިސްޓަމް ފެއިލް ވެފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު އަލީ ވަނީ އެއްބަސްވެ ވަޑައިގެންފައެވެ. ނިޒާމު އިސްލާހުކޮށް ރަނގަޅު ކުރަން ޖެހޭ ކަމަށާއި އެކަން އަވަސް މުއްދަތެއްގައި ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓާރު މިހެން ވިދާޅުވުމާ ގުޅިގެން ގިނަ ބއެއްގެ ތައުރީފު މިނިސްޓަރަށް އަމާޒުވެފައި ވަނީ، ކަމެއް ރަނގަޅު ކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކަމެއ ގޯސް ކަމަށް ގަބޫލު ކުރުން ކަމަށް ބުނެއެވެ.