އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދިޔަ 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، އެ ހޮސްޕިޓަލުގެ 4 މުވައްޒަފުން ޕޮޒިޓިވްވެ އައިސީޔޫއަށް ބަލިމީހުން ވެއްދުން މަޑުޖައްސާލާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ، އެ ހޮސްޕިޓަލުގެ އައިސީޔޫން ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮރުން މިވަގުތަށް އިތުރު ބަލި މީހުން އައިސީޔޫއަށް ވެއްދުން މަޑުޖައްސާލާފައިވާ ކަމަށެވެ. ނަމަވެސް، އައިސީޔޫން ދޭން ޖެހޭ ފަރުވާ ހޮސްޕިޓަލުގެ އެހެން ތަނަކުން ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެ ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުގެ އައިސީޔޫގައި ތިބި ބަލި މީހުން ކޮވިޑަށް ޓެސްޓު ކުރަން ޖެހުނީ އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާދެނިކޮށް މަރުވި އިންޑޮނޭޝިޔާގެ 39 އަހަރުގެ ބަލި މީހާ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ. އަދި އޭރު އައިސީޔޫގައި ތިބި ހުރިހާ ބަލިމީހުންނާއި އައިސީޔޫން އެހެން ވޯޑަކަށް ބަދަލުކުރި ބަލިމީހަކު ޓެސްޓުކުރި އިރު، އޭގެ ތެރެއިން ޕޮޒިޓިވް ވީ 2 މީހުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މިކަމުގައި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 4 މުވައްޒަފަކު ޕޮޒިޓިވްވެ، ދެންތިބި މުވައްޒަފުންގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ. އަދި ބައްޔަށް ޕޮޒިޓިވްވި މީހުން މިހާރު ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އައިޖީއެމްއެޗް އައިސީޔޫން ބަޔަކު ޕޮޒިޓިވްވެފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ހުރިހާ ބަލިމީހުން ވެސް ކޮވިޑަށް ޓެސްޓު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ބަލިމީހެއްގެ ފުރާނަ ސަލާމަތް ކުރަންޖެހޭފަދަ އެމަޖެންސީ ހާލަތެއްގައި ކޮވިޑް ޓެސްޓުގެ ނަތީޖާ ނުލިބުނަސް ޖޭން ޖެހޭ ފަރުވާ ދޭނަ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަަތަށް ބަލާއިރު ރާއްޖެއިން ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 2410 އަށް އަރާފައެވެ.އޭގެ ތެރއިން މިހާރު ފަރުވާ ކުރެވެމުން ދަނީ ޖުމަލް 419 މީހުންނަށެވެ. އަދި ބަލިން ރަނގަޅުވެ ޝިފާ ލިބުން މީހުންގެ އަދަދު ވަނީ 1976 އަށް އަރާފައެވެ. މި ބަލީގައި މިހާތަނަށް 10 މީހަކު ވަނީ މަރުވެފައެވެ.