އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދާ 2 މީހަކާއި 3 ނަރުހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކޮވިޑާ ގުޅޭ މައުލޫމާތު މީޑިއާއަށް ދެއްވުމަށް ހެލްތު މިނިސްޓްރީން މިހާރު ކަނޑައަޅުއްވާފައި ހުންނަވާ އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، ތަސްލީމާ އުސްމާން ވިދާޅުވީ އެކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށާއި 20 ކޮންޓެކްޓެއް މިހާތަނަށް ފާހަގަ ވެފައިވާ ކަމަށެވެ.

ދެމީހުން ޕޮޒިޓިވް ވުމާ ގުޅިގެން އައިސީޔޫގައި ބާކީ ތިބި ހުރިހާ ބަލި މީހުން ޓެސްޓު ކޮށްފައިވާ ކަމަށާއި އެ އެންމެން ކޮވިޑަށް ނެގެޓިވް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ވި ތިން މީހުން މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 އަށް ބަދަލުކޮށްފައި ކަމަށާއި ޕޮޒިޓިވް ވި ތިން ނަރުހުން އައިސޮލޭޓް ކޮށްފައިވާ ކަމަށް ވެސް ތަސްލީމާ ވިދާޅުވިއެވެ. އަދި ދަރުމަވަންތައަށް ބަދަލު ކުރި ބަލި ދެ މީހުންގެ ތެރެއިން އެކަކީ އުމުރުން ދުވަސްވީ މީހެއް ކަމަށާއި އެނަކަކަކީ މެދު އުމުރުގެ މީހެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖުމްލަ ފަސް މީހަކު ޕޮޒިޓިވް ވެފައި ވަނީ މިއަދު ކަމަށާއި މިކަމާ ގުޅޭ އިތުރު މައުލޫމާތުވެސް ހާމަކުރައްވަމުން ގެންދަވާނެ ކަމަށް ތަސްލީމާ ވިދާޅުވިއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަަތަށް ބަލާއިރު ރާއްޖެއިން ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 2400 އަށް އަރާފައެވެ.އޭގެ ތެރއިން މިހާރު ފަރުވާ ކުރެވެމުން ދަނީ ޖުމަލް 416 މީހުންނަށެވެ. އަދި ބަލިން ރަނގަޅުވެ ޝިފާ ލިބުން މީހުންގެ އަދަދު ވަނީ 1969 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 10 މީހަކު މަރުވެފައި ވާއިރު، އެންމެ ފަހުން މަރުވެފައި ވަނީ އުމުރުން 92 އަހަރުގެ ދިވެއްސެކެވެ. ދެން މަރުވެފައި ވަނީ 43 އަހަރުގެ ޕިޕީންސް ފިރިހެނެކެވެ. މީގެއ ިތުރުން މަރުވެފައި މީހުންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.