ފުލުހުންނާއި ސިފައިންގެ ޓީމަކުން ބ. ބޮޑުފިނޮޅަށް ހަތިޔާރާއެކު އަރާ 12 ދިވެހިން ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނީ ސުލްހަވެރިކަމާއެކު މައްސަލަ ހައްލު ކުރުމަށް ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާއި މަޝްވަރާ ކުރަމުންދާ ކަމަށާއި މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށެވެ.

ބޮޑުފިނޮޅަކީ ހަދަމުންދާ ރިސޯޓެކެވެ. އެ ރަށުގައި މަސައްކަތް ކުރަން ތިބީ 203 ބިދޭސީންނާއި 15 ދިވެހިން ހިމެނެއެވެ. އެ 15 ދިވެހިންގެ ތެރެއިން 3 ދިވެއްސަކު ފުލުހުން ވަނީ ސަލާމަތް ކޮށްފައެވެ.

ބޮޑުފިނޮޅަށް ފުލުހުން އެރުން / ފޮޓޯ: ޕޮލިސް

ދިވެހިންގެ ތެރޭގައި އެންމެ ގިނައީ ބ. ތުޅާދޫ އަދި ށ. މިލަންދޫ މީހުންނެވެ. މުސާރަ ނުދީގެން އިއްޔެ ހަވިރުން ފެށިގެން އިހްތިޖާޖު ކުރަމުން އައިސް ރޭ ބިދޭސީން ހަޅުތާލު ހިންގައި އެ ރަށުގައި ތިބި 15 ދިވެހިން ވަނީ ރަހީނުކޮށްފައެވެ. ކުރިން އެ ރަށަށް ތުޅާދޫން އަދި ކައިރި ރަށްރަށުގައި ތިބި ފުލުހުން ވަނީ އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެ ރަށަށް ގޮސްފައެވެ.

އެގޮތުން ރޭ ވަނީ އެއްފުލުހަކު ޒަހަމްވެގެން ވަނީ ތުޅާދޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ.