ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަށް ފަހު އެކަށީގެންވާ އުޖޫރައެއް ނުދޭ ކަމަށް ދެކެވެމުންދާ ވާހަކައަކީ އާ ވާހަކަ އަކަށް ނުވާނެއެވެ. އެމީހުން ލައްވާ ހިތައް އެރިހާ މަސައްކަތެއް ކުރުވުމަށްފަހުވެސް އެއީ އިންސާނުން ކަން ނުދަންނަ ކިތައް މީހުން މި މުޖުތަމައުގައި އެބަތިބި ހެއްޔެވެ. އެ މީހުންގެ އެފަދަ އެތައް ހައްގެއް ނަގާލާ އެމީހުންގެ ޒިންމާ ނަގަންޖެހިފައިވާ ކިތައް މީހުންތޯ ތިބީ ގުނާލެވޭނެ ހެއްޔެވެ.

އެމީހުން ދާ އޮހޮރުވައިގެން ކުރާ ހުރިހާ މަސައްކަތަކީވެސް މި ދިވެހި ގައުމަށްޓަކައި ކުރާ މަސައްކަތެވެ. ދިވެހިންނަށް ޓަކައި ކުރާ މަސައްކަތެވެ. އެމީހުން ކުރާ މަސައްކަތައް އެކަށީގެންވާ އުޖޫރައެއް ނުދެވޭއިރު، ގުލާނު ކޮށްގެން ގެންގުޅުމުގެ އެއްވެސް ހައްގެއް އެއްވެސް މީހެއްގެ ނެތެވެ. އެމީހުން ލައްވާ ކުރެވެން އޮތިއްޔާ އޮތް ކަމެއް ކުރުވަނީ ކޮން ހައްގެއް އޮވެގެން ހެއްޔެވެ. އެމީހުން ގެންނަ ގޮތައް ނުބެލެންޏާ ގެންނީ ކީއްކުރަން ހެއްޔެވެ.

އެމީހުންގެ ގެދޮރު ވިއްކާލާ އާއިލާއާ ދުރައް އެ އަންނަނީ ހާދަ ފޮނި އުންމީދެއްގައިކަން އިނގޭހެއްޔެވެ. އެމީހުންގެ މައިންބަފައިންނާއި އަނބިދަރިންނަށް އުފާވެރި މުސްތަގްބަލެއް ހޯދައިދޭށެވެ. ނަމަވެސް މި ދިވެހި މުޖުތަމައު ވަނީ އެމީހުންގެ ހައްގުތައް ފޭރިގަނެފައެވެ. ދިވެހިންގެ ގައުމުގައި އެމީހުންނަށް ދިވެހިންނާމެދު ހަރުކަށިކޮށް އަމަލު ކުރަން މަޖުބޫރު ކޮށްފައެވެ.

ރާއްޛޭގައި މަސައްކަތްތެރިންގެ ގޮތުގައި އުޅޭ ބިދޭސީންތަކެއް

ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެތައް މަސައްކަތެއް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި މި ވަނީ އެ ބިދޭސީންގެ ފަރާތުން ދިވެހިންނަށް އާ ކަމަކާ ކުރިމަތިލާންޖެހިފައެވެ. ދިވެހިންގެ އުފަން ފަސްގަނޑުގައި އެމީހުން ވަނީ ދިވެހިން ރަހީނުކޮށްފައެވެ.

އިއްޔެ ހަވީރު ފުރަތަމަ އަޑު އިވިގެން ދިޔައީ މުސާރަ ނުދީގެން ކަމަށް ބުނެ ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާ ހަބަރެވެ. އޭގެ ރާގު ބަދަލުވީ އެ ރަށުގައި ތިބި 200 އެއްހާ ބިދޭސީންވެގެން 15 ދިވެއްސަކު އެ ރަށުގައި ރަހީނު ކޮށްފައިވާ ކަމަށް ލިބުނު ހަބާރައެކުއެވެ.

އެ ރަށާއި ރަށް ކައިރީގެ ރަށްރަށުގެ ފުލުހުން ކުރި މަސައްކަތުން އެ ރަށަށް މިއަދު ފަތިހާ ހަމައަށް އެރިފައި ނުވާއިރު، މާލެއިން ފުލުހުންނާއި ސިފައިންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ޕަބްލިކް އޯޑާ ރެސްޕޮންސް ޓީމެއް އެރަށަށް ގޮސް ރަހީނު ކުރި ދިވެހިން ސަލާމަތްކޮށް 19 ބިދޭސީއަކު ވަނީ ހައްޔަރު ކޮށްފައެވެ.

ބޮޑުފިނޮޅަށް ދިއުމަށް ފުލުހުން ތައްޔާރުވަނީ / ފޮޓޯ: ޕޮލިސް

އެ ބިދޭސީންގެ ޑިމާންޑަކީ މުސާރަ ކަމަށާއި މުސާރަ ދިނުމުން ދިވެހިން ދޫކޮށްލާނެ ކަމަށް އެމީހުން ބުނަމުން ދިޔަ އިރު "ރާއްޖެ ޓީވީގެ" ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ކޮވިޑް-19އާ ގުޅިގެން ހަތަރު މަސް ދުވަހުގެ މުސާރަ ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ވިދާޅުވެފައެވެ.

މެންބަރު އަލީ ރިޒާ ވިދާޅުވެފައި ވަނީ މަސައްކަތްކުރާ މީހުންނަށް ދޭން ޖެހޭ މުސާރަ ނުދެވޭ ކަމަށާއި އެހެން އެކަން ދިމާވާން ޖެހުނީ އޭނާގެ ކުންފުންޏާ މަސައްކަތް ހަވާލުކުރި ސީލް މޯލްޑިވްސްއިން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށެވެ. ހަމައެއާއެކު އެމީހުން ހަޅުތާލު ކުރީ މުސާރަ ނުދީގެން ކަން އެނގިވަޑައިގަންނަވާ ކަމަށާއި މުސާރަ ދިނުމަށް މަސައްކަތް ކުރެވެމުންދާ ކަމަށްވެސް އޭނާވެސް ވިދާޅުވިއެވެ.

މެންބަރު ރިޒާ މިފަދައިން ވިދާޅުވެފައި ވާއިރު، އޭނާ ވަނީ ށ. ނަރުދޫގެ ހުރިހާ ގެއެއްގެ ކަރަންޓު ބިލު ދައްކައި ދީފިއެވެ. އެގޮތުން އަލީ ރިޒާ އަމިއްލައަށް ގުޅުއްވާ ނަރުދޫގެ ޑޮމެސްޓިކް ހުރިހާ ކަސްޓަމަރުންގެ ޖުމްލަ އަދަދު ބައްލަވާ ޑޮމެސްޓިކްގެ ގޮތުގައި ހުންނަ 87 ގޭބިސީއެއްގެ މޭ މަހުގެ ކަރަންޓް ބިލް ވަނީ ދައްކަވައި ދެއްވާފައެވެ. އެ ކޮށްދެއްވީވެސް ރަނގަޅު ކަމެކެވެ.

މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ / ފޮޓޯ: މަޖިލިސް

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ދޭން ނިންމާފައިވާ ސްޓިމުލަސް ޕެކޭޖް (އިގުތިސާދު ރަނގަޅުކުރުމަށް ޓެކްސް އާއި އިންޓަރެސްޓް ކުޑަ ކޮށް ދޭ މާލީ އެހީ) ތައް ދޫކޮށްފައި ވާއިރު އޭގެން ކުރީ ކޮން ބޭނުމެއް ހެއްޔެވެ. އެ ޕެކޭޖްތަކުގެ އެންމެ ބޮޑު ބޭނުމަކީ ރިސޯޓް ދާއިރާ އާއި ވިޔަފާރީގެ ދާއިރާގެ މުވައްޒަފުން ހިމާޔަތް ކުރުން ކަމަށް ވާއިރު މިފަދަ ހާދިސާއެއް ހިނގަން މެދުވެރި ވާންވީ ސަބަބަކީ ކޮބާހެއްޔެވެ. 10 މިލިއަން ރުފިޔާގެ މަތީގެ ލޯނުތައް އެއްވެސް ރަހުނަކާ ނުލައި ތިން އަހަރުގެ މުއްދަތަކަށް ދީ، އެ ލޯނުތަކުގައި ރިސޯޓްތައް ވެސް އަދި ވިޔަފާރިތަކަށް ވެސް ލިބޭނެ ކަމަށް ނިންމާފައި ވާއިރު އޭގެން ކޮށްފައިވާ ބޭނުމަކީ ކޮބައި ހެއްޔެވެ.

ކޮވިޑް-19ގެ ސަބަބުން މުސާރަ ނުދެވުނީ ކަމަށް ބުނާއިރު، ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން ވީ އަދި ތިން މަހެވެ. ހަތަރު މަހުގެ މުސާރަ ނުދީ ވާއިރު އެމީހުންގެ ކޮއްތުގެ ފައިސާވެސް ނުދެވުނީ ކީއްވެހެއްޔެވެ. އެއީ ބިދޭސީން ވިޔަސް ނުނީ ދޭސީން ވިޔަސް ކުރާ ބުރަ މަސަތްކަތުގެ އުޖޫރަ ދޭން ޖެހޭނެއެވެ.