ދިވެހިން ދިވެހިންގެ ގައުމުގައި ރަހީނު ކުރުމަކީ ނުރައްކާތެރި ރަނގަބީލެއްގެ އަޑު ކަމަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ދިވެހިން ރަހީނު ކުރުމަކީ ނުރައްކާތެރި ރަނގަބީލެއްގެ އަޑު ކަމަށާއި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ. ދިވެހި ފުލުހުންނާއި ސިފައިން ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާނެ ކަމީ ޝައްކެއްއޮތް ކަމެއްނޫން ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން އެފަދައިން އިޝާރާތް ކުރައްވާފައި ވަނީ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން 200 އެއްހާ ބިދޭސީއިން 15 ވަރަކަށް ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގަމުން ދާތީއެވެ.

އަދި އެތަނަށް ދިޔަ ފުލުހުންގެ ތެރެއިން އެއް ފުލުހަކަށް އަނިޔާވެ ބ. ތުޅާދޫ ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ. މިހާރު މާލެއިން ފުލުހުނާއި ސިފައިން ވަނީ އެ ރަށަށް ދިއުމަށް ފުރާފައެވެ.

ބޮޑުފިނޮޅުގައި ތިބީ މެންބަރު ރިޒާ ގެންގުޅުއްވާ ބައެކެވެ.

"ރާއްޖެ ޓީވީގެ" ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން މެންބަރު އަލީ ރިޒާ ވިދާޅުވީ ބޮޑުފިނޮޅުގައި މަސައްކަތްކުރާ މީހުންނަށް ދޭން ޖެހޭ މުސާރަ ނުދެވި ވާ ކަމަށާއި މުސާރަ ނުދެވިފައިވަނީ ކޮވިޑް-19އާ ގުޅިގެން އޭނާގެ ކުންފުންޏާ މަސައްކަތް ހަވާލުކުރި ސީލް މޯލްޑިވްސްއިން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށެވެ. އަދި އެ ބިދޭސީން ދިވެހިން ރަހީނު ކޮށްފައި ވަނީ މުސާރަ ނުދީގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.