ބޮޑުފިނޮޅު ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުންގެ އިތުރު ޓީމެއް މާލެއިން ފުރަން ތައްޔާރު ވެއްޖެއެވެ.

އެމްއެމްއޭ ކުރިމަތީ ސަރަހައްދުގައި އަޅާފައިވާ އުޅަނދަކަށް ފުލުހުންގެ ޓީމެއް އަރާ މަންޒަރު ފެނިފައިވާ އިރު، އެއީ ބޮޑު ފިނޮޅަށް ދިއުމަށް ތައްޔާރު ވަމުންދާ އުޅަނދެއް ކަން 'ދަ ޕްރެސް' އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ބޮޑުފިނޮޅަކީ ހަދަމުންދާ ރިސޯޓެކެވެ. އެ ރަށުގައި މަސައްކަތް ކުރަން ތިބީ 203 ބިދޭސީންނާއި 15 ދިވެހިން ހިމެނެއެވެ. ދިވެހިންގެ ތެރޭގައި އެންމެ ގިނައީ ބ. ތުޅާދޫ އަދި ށ. މިލަންދޫ މީހުންނެވެ. މުސާރަ ނުދީގެން މިއަދު ހަވިރުން ފެށިގެން އިހްތިޖާޖު ކުރަމުން އައިސް މިރޭ ބިދޭސީން ހަރުތާލު ހިންގައި އެ ރަށުގައި ތިބި 15 ދިވެހިން ވަނީ ރަހީނުކޮށްފައެވެ. ކުރިން އެ ރަށަށް ތުޅާދޫން އަދި ަކއިރި ރަށްރަށުގައި ތިބި ފުލުހުން ވަނީ އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެ ރަށަށް ގޮސްފައެވެ.

އެގޮތުން އެއްފުލުހަކު ޒަހަމްވެގެން ވަނީ ތުލާދޫ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ތޫލާދޫ ކައުންސިލުން ވަނީ މައުލުމާތު ދީފައެވެ. އެއަށްފަހު އެ ރަށުގައި ތިބި ފުލުހުން ަވނީ މިހާރު ރަށުން ފައިބާފައެވެ.

ފުލުހުން ބުނީ، އެރަށަށް ދިޔަ ފުލުހުންގެ ޓީމް ތިބީ މިހާރު ރަށުތެރެއަކު ނޫން ކަމަށެވެ. ނަމަވެސް ފުލުހުން ދަނީ އަދިވެސް އެ ރަށުގެ ހާލަތު މޮނިޓާ ކުރަމުން ކަމަށެވެ. އަދި ބޮޑުފިނޮޅުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ޕަބްލިކް އޯޑާ ރެސްޕޮންސް ޓީމެއް މިހާރު ދަނީ އެ ރަށަށް ދަތުރު ކުރަމުން ކަމަށެވެ.

މިހާރު ފުލުހުންގެ އިތުރު ޓީމަކާއި ބަންގްލަދޭޝްގެ ހައިކޮމީޝަނުގެ އޮފިޝަނުން ވަނީ ބޮޑުފިނޮޅަށް ދިއުމަށްޓަކައި މާލެއިން ފުރާފައެވެ.