ބ. ބޮޑުފިނޮޅުގައި ބިދޭސީން ތަކެއް ދިވެހިންގެ ބަޔަކު ރަހީނު ކޮށްފައި ވާއިރު އޭގެ ތެރޭގައި 3 އިރު ބޭސްކާން ޖެހޭ ދިވެހިންވެސް ތިބިކަން އެނގިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދިން މަސްދަރަކުން ބުނީ އެރަށުގައި މިހާރު ރަހީނު ކޮށްފައިވާ ދިވެހިން ރަހީނު ކުރީ، އެމީހުން އެ ރަށާ ކައިރީގައި އޮތް ރަށަކަށް ގޮސް އެނބުރި ބޮޑުފިނޮޅަށް ދިޔަތަނުން ކަމަށެވެ.

މައުލޫމާތު ދިން ފަރާތުން ބުނީ، އެ ރަށުގައި ތިބި ދިވެހިން ރަށުން ފޭބި އިރު ހަމަނުޖެހުމެއް ހިނގަން އުޅޭކަން އެނގިގެން ބައެއް ދިވެހިން ފޭބީ ހުރިހާ އެތިކޮޅެއް ހިފައިގެން ކަމަށާއި ނަމަވެސް އެ ރަށަށް ފަހުން އެނބުރި ދިޔަ ދިވެހިންނަށް އެކަން އެނގުނީ އެމީހުން ބޮޑުފިނޮޅުން ފޭބި ފަހުން ކަމަށާ އެހެން ކަމުން އެމީހުން ބޮޑުފިނޮޅަށް އެނބުރި ދިޔައީ އެމީހުންގެ ބޭސް ބަލައި ކަމަށެވެ.

އެމީހުން ރަށަށް އެރި ތަނުން ރަހީނު ކޮށް ބަނދެފައި ވާ ކަމަށާއި، ބިދޭސީންގެ ޑިމާންޑަކި ނުލިބިވާ 6 އެއްކަ މަސްދުވަހުގެ މުސާރަ ދިނުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ހިންގަނީ ށ. މިލަނދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ކަމަށާއި އޭނާއާ ހަވާލާދީ "ސަންގު" ޓީވީން ބުނެފައި ވަނީ މުވައްޒަފުންނަށް މުސާރަ ނުދެވި ވާތާ 4 މަސް ވެއްޖެ ކަމަށާއި، މުސާރަ ނުދެވި ވަނީ އެ ކުންފުންޏަށް ލިބެންޖެހޭ ލާރި ނުލިބިގެން ކަމަށެވެ. އަދި ބިދޭސީން ދިވެހިން ރަހީނު ކުރިތާ 2 ދުވަސް ވެއްޖެ ކަމަށް ރިޒާއާ ހަވާލާދީ އެ ޓީވީން ވަނީ ބުނެފައެވެ.