ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މުވައްޒަފުން ތަކެއް، އެ ރަށުގައި އުޅޭ ދިވެހިންތަކެއް އެ ރަށުން ފޭބިޔަ ނުދީ ހިފަހައްޓައިގެން އުޅޭ މައްސަލައިގައި އެ ރަށަށް ފުލުހުން އަރައި ހިންގަމުން ގެންދާ އޮޕަރޭޝަނުގައި ފުލުހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ހަމަނުޖެހުން ކޮންޓްރޯލްކުރުމުގައި ހަރަކާތްރެރިވި ފުލުހަކަށް ހަމަލާދިނުމުގެ ސަބަބުން އަނިޔާވެ، ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ. އެގޮތުން އެ ފުލުސް މިހާގެ ބޯ ފަޅައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މުވައްޒަފުންތަކެއް ދިވެހި މުވައްޒަފުންތަކެއް އެރަށުން ފޭބިޔަ ނުދީ ހިފެހައްޓާއި ހަމަނުޖެހުން ހިންގި މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވާން ފަށާފައި ވަނީ މިއަދު ހަވީރުއެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިނގައިގެން އުޅެނީ، ބިދޭސީންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވެގެން ކަމަށް "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.

އެ ބިދޭސީން އިހުތިޖާޖުކޮށް ރަށުގެ ބައެއް ތަންތަނުގައި ރޯ ކޮށްފައިވާ ކަމަށާއި އެހަމަނުޖެހުމުގެ ތެރޭގައި، ދިވެހި ބައެއް މުވައްޒަފުން ރަށުން ފުރިޔަ ނުދީ ހިފަހައްޓާފައި ވާ ކަމަށްވެސް ވަނީ އެނގިފައެވެ.