މީގެ 27 އަހަރު ކުރިން، ސަރުކާރުގެ މަސް ކުންފުނި، ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ)ގެ ކޮރަޕްޝަނުގެ މައްސަލަގައި ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީއަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައިދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމިއްލަ މީހަކު ހުށަހަޅައިފިއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އޭސީސީން ވަނީ މައްސލަަ ލިބިފައިވާކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް މި މައްސަލަ ބެލުމާމެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް އޭސީސީން ބުނެއެވެ. މި މައްސަލަ އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅީ އިއްޔެއެވެ.

އޭސީސީއަށް މި މައްސަލަ ހުށަހެޅި އަމިއްލަ ފަރާތުން ބުނީ މި ހިޔާނާތުގައި 380 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެފައިވީ ނަމަވެސް މިއަދުގެ ފައިސާއިން އެއީ 1 ބިލިއަނެއްހާ ޑޮލަރު ކަމަށެވެ. އޭނާ ބުނީ މި ހިޔަނާތުން ނާޒާއިޒު ގޮތުގައި މުއްސަނދިވި ފަރާތްތައް މިއަދުވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތެރިވަމުންދަ ކަމަށާއި އެއީ މިފަދަ އެހެން ކޮރަޕްޝަންގެ އަމަލު ހިންގުމަށް ލިބޭނެ ހިތްވަރެއް ކަމަށެވެ.

މައްސަލަ ހުށަހެޅި ފަރާތުން ވަނީ މި މައްސަލާގައި 5 މީހަކަށް ހިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތުކޮށްފައެވެ. އެއީ އެފްޕީއައިޑީ ހިޔާނާތުގައި މުގުލުގައި ހުރި ކަމަށް ތުހުމަތު ކުރެވޭ އަބްދުއްސައްތާރު، އޭނާގެ ކުރީގެ އަނބިކަނބަލުން އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ، އެ ދެ ބޭފުޅުންގެ ދަރިފުޅު އައްފާން ސައްތާރުގެ އިތުރުން އަބްދުއްސައްތާރުގެ ކޮއްކޮ އަދި މިހާރުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި މި ހިޔާނާތުގެ މުގުލުގައި ހުރި ފަރާތެއް ކަމަށް ތުހުމަތު ކުރެވޭ އިލްޔާސް އިބްރާހިމެވެ.

އެފްޕީއައިޑީގެ ކޮރަޕްޝަނަކީ ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ އެއް ކޮރަޕްޝަނެވެ. 1990 ވަނަ އަހަރު ހިނގި މި ކޮރަޕްޝަނުގައި ރައްޔިތުންގެ ފައިސާއިން 380 މިލިއަން ޑޮލަރުގެ ފައިސާއަށް ހިޔާނަތްތެރިވެފައިވެއެވެ. މި ހިޔާނާތުގެ މައްސަލަ ކުރިން ރައްޔިތުންގެ މަޖިލީހުންނާއި ރިޔާސީ ކޮމިޝަނަކުން ވެސް ވަނީ ބަލާފައެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވިއިރު ތަހުގީގު ނިމިފައިނުވާއިރު އެ މައްސަލަ ބެލުން ވަނި ހުއްޓުފައެވެ.