ދިފާއީ ވަކީލެއްގެ ހައްގު ގެއްލޭ ގޮތަށް ހއ ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލްޣަނީ އަލީ އަމަލު ކުރި ކަމަށް ބުނެ މައްސަލަ ބަލަން ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން މިގޮތަށް ނިންމީ އެކޮމިޝަނުގެ 43 ވަނަ ބައްދަލުވުމުގައެވެ.

ދިފާއީ ވަކީލެއްގެ ހައްގު ގެއްލޭގޮތަށް ޣަނީ އަމަލު ކުރީ ކޮން މައްސަލައެއްގައި ކަމެއް ޖޭއެސްސީއަކުން ނުބުނެއެވެ. އަދި އެ މައްސަލަ ބަލަން ނިންމީ އިރު ޣަނީ ސަސްޕެންޑް ކުރި ކަމެއްވެސް އަދި ނޭނގެއެވެ.

ޣަނީގެ މައްސަލައިގެ އިތުރުން ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކުގެ މައްސަލައެއް ބެލުމަށްވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ. އެ މައްސަލައަކީ، ޏ. ޅޮހީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައި އޮންނަތާ 2 އަހަރުވެފައިވާ ދެ މައްސަލައެއް ކަމަށާއި، އެ ދެ މައްސަލަ ނުބައްލަވާ އިސްމެޖިސްޓްރޭޓް ވަނީ ތަނާޒިލްވެވަޑައިގެންފައި ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ނ. ޅޮހީ އިސް މެޖިސްޓްރޭޓްގެ މައްސަލަ ބަލަން ނިންމީ ޖޭއެސްސީގެ 44 ވަނަ ބައްދަލުވުމުގައެވެ.