ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށްފަހު އަލުން ހުޅުވާލި ނަމަވެސް މާދަމާގެ ހުކުރު ނަމާދު މިސްކިތްތަކުގައި ނުކުރާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި ނިންމުން ނިންމާފައި ވަނީ ހުކުރު ނަމާދަކީ ގިނަ އަދަދެއްގެ މީހުން އެއްތަންވެ ގިނަ ވަގުތު ހޭދަވާ ޖަމާއަތަކަށް ވުމުން ކަމަށެވެ. އަދި މިއީ މަރުހަލާތަކަކަށް ބަހަލައިގެން އާންމު ހާލަތަށް ލުއިތަކެއްދީ އެ ލުއިތަކުގެ ސަބަބުން ބަލިމަދުކަން ފެތުރޭ ގޮތް ދިރާސާކޮށް ދެނެގަނެ އޭނެ މައްޗަށް ބިނާކޮށް އިތުރު ނިންމުންތަކެއް ނިންމަންޖެހޭ ހާލަތެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އަދިވެސް ބަލިމަޑުކަން ފެތުރުމުގެ ބިރުވެރިކަން އޮތްކަމަށް ޑޮކްޓަރުން ލަފާކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހުކުރު ނަމާދު ނުކުރަން ނިންމީ އިސްލާމްދީނުގައި އައިސްފައިވާ ޝަރުއީ ގަވާއިދުތަކާ ހަމަތަކަށް ރިއާޔަތްކޮށް އިލްމުވެރިންގެ ލަފައާއެކު ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މިދިޔަ މާޗް 18 އިން ފެށިގެން މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް ރޭ މަޣްރިބް ނަމާދުން ފެށިގެން ވަނީ މިސްކިތްތަކުގައި ޖަމާއަތް ހަދަން ފަށާފައެވެ. ޖަމާއަތް ހެދުމަށް ހުއްދަ ދިނީ ޖަމާއަތަށް ދާ މީހުންނާއި އިމާމުން ސަމާލުކަންދޭން ޖެހޭ ކަންތައްތަކާވެސް އެކުއެވެ.

އިމާމުން ސަމާލުވާންވީ ކަންކަމުގެ ތެރޭގައި ބަންގިއަށް ފަހު ފަސް މިނެޓް ތެރޭގައި ގަމަތްދީ ނަމާދު ފެށުމާއި އެއްވެސް ނަމާދެއް ހަތް މިނެޓަށްވުރެ ދިގު ނުކުރުމާއި ހުރިހާ ނަމާދެއްގައި ވެސް ސޫރަތުލް ފާތިހާ ފިޔަވައި ޟުހާ ސޫރަތުން ތިރީގެ ސޫރަތްތައް ކިޔެވުން ހިމެނެއެވެ.

ޖަމާއަތަށް ދާ މީހުން ސަމާލުކަންދޭން ޖެހޭ ކަންތައްތައް އިސްލާމިކް މިނިސްޓްރީން ބުނީ ގެއިން ވުޟޫކޮށްގެން ދިޔުމަށާއި، މުސައްލަ ގެންދިޔުމާއި، އެމީހެއްގެ މުސައްލަމަތީ ނޫނީ ނަމާދު ނުކުރުމަށެވެ. އަދި މާސްކް އެޅުމާއި، މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެެއްޓުމާއި ބަލި މީހުން މިސްކިތަށް ނުދިއުމުގެ އިތުރުން ނަމާދު ނިމުމުން މިސްކިތުގައި މަޑު ނުކުރުމާއި މިސްކިތުގެ ހަތިމްތައް ބޭނުން ނުކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.