ނަމާދުގެ ރަކުއަތްތައް މަދުކުރުމަށް ގޮވަލައްވައި ޓްވީޓް ނުކުރައްވާ ކަމަށާއި، އެ މައްސަލަ ބަލަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު ކުރެއްވި ޓްވީޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސްކްރީންޝޮޓެއްގެ މައްސަލާގައެވެ. އެ ސްކްރީންޝޮޓާ ގުޅުގެން ގިނަ ބައެއްގެ ފާޑު ކިއުން ވަނީ ނަޝީދަށް އަމާޒުވެފައެވެ.

އެ ސްކީންޝޮޓުގައި ބުނަނީ ބައެއް ނަމާދުތަކުގެ ރަކުއަތްތައް މަދުކޮށްލުމުން ވެސް ސަރުކާރުގެ ގަވާއިދުގެ ތެރެއިން ނަމާދު ކުރެވިދާނެ ކަމަށެވެ. އަދި އެއްވެސް ނަމާދެއް 7 މިނިޓަށްވުރެ ދިގު ނުވާނެހެން ކުރުން މިވަގުތަށް މުހިންމު ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ.

މި ސްކްރީންޝޮޓާ ގުޅިގެން ނަޝީދު ވިދާޅުވީ، އެއީ އެމަނިކުފާނު ކުރެއްވި ޓްވީޓެއް ނޫން ކަމަށާއި، އެކަން ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި މިއަދު ދަންނަވާނެ ކަމަށެވެ.

ނަޝީދުގެ ނަމުގައި މިފަދަ ފޭކް ޓްވީޓެއްގެ ސްކްރީންޝޮޓް ދައުރުވަމުން ދާއިރު، ހަމަ އެ ޓްވީޓް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދުގެ ނަމުގައި ވެސް ދަނީ ދައުރުވަމުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މިދިޔަ މާޗް 18 އިން ފެށިގެން މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް ރޭ މަޣްރިބް ނަމާދުން ފެށިގެން ވަނީ މިސްކިތްތަކުގައި ޖަމާއަތް ހަދަން ފަށާފައެވެ. ޖަމާއަތް ހެދުމަށް ހުއްދަ ދިނީ ޖަމާއަތަށް ދާ މީހުންނާއި އިމާމުން ސަމާލުކަންދޭން ޖެހޭ ކަންތައްތަކާވެސް އެކުއެވެ.

އިމާމުން ސަމާލުވާންވީ ކަންކަމުގެ ތެރޭގައި ބަންގިއަށް ފަހު ފަސް މިނެޓް ތެރޭގައި ގަމަތްދީ ނަމާދު ފެށުމާއި އެއްވެސް ނަމާދެއް ހަތް މިނެޓަށްވުރެ ދިގު ނުކުރުމާއި ހުރިހާ ނަމާދެއްގައި ވެސް ސޫރަތުލް ފާތިހާ ފިޔަވައި ޟުހާ ސޫރަތުން ތިރީގެ ސޫރަތްތައް ކިޔެވުން ހިމެނެއެވެ.

ޖަމާއަތަށް ދާ މީހުން ސަމާލުކަންދޭން ޖެހޭ ކަންތައްތައް އިސްލާމިކް މިނިސްޓްރީން ބުނީ ގެއިން ވުޟޫކޮށްގެން ދިޔުމަށާއި، މުސައްލަ ގެންދިޔުމާއި، އެމީހެއްގެ މުސައްލަމަތީ ނޫނީ ނަމާދު ނުކުރުމަށެވެ. އަދި މާސްކް އެޅުމާއި، މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެެއްޓުމާއި ބަލި މީހުން މިސްކިތަށް ނުދިއުމުގެ އިތުރުން ނަމާދު ނިމުމުން މިސްކިތުގައި މަޑު ނުކުރުމާއި މިސްކިތުގެ ހަތިމްތައް ބޭނުން ނުކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.