ގާނޫނުއަސާސީ އިސްލާހު ކުރުމަށް ޖޫން 1 ވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ، ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމް ގަދަކަމުން މަޖިލީހުގެ ތަޅުމުން ބޭރުކުރި މައްސަލަ ބަލައިގަނެ އެކަން ބަލަން ފަށާފައިވާ ކަމަށް އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ބުނެފިއެވެ.
ޝިޔާމް ގަދަކަމުން މަޖިލީހުގެ ތަޅުމުން ނެރުމުގެ ތެރޭގައި އަނިޔާވެފައިވާއިރު، އޭނަ ވަނީ މި މައްސަލަ ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތަކާ ބެހޭ ޖަމިއްޔާ އަށް ހުށަހަޅުއްވާ ސިޓީ ފޮނުއްވާފައެވެ. އެ ސިޓީގައި ޝިޔާމް ވަނީ މަޖިލީހުގެ ތަޅުމުން އޭނާ ބޭރުކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ.
އޭނާ އައިޕީޔޫއަށް ފޮނުއްވި ސިޓީގެ ޖަވާބުގައި އެ ޔޫނިއަނުން ވަނީ އެ މައްސަލަ ބަލައިގެންފައިވާ ކަމަށް އަންގާފައެވެ. އަދި އެ މައްސަލަ އައިޕީޔޫގެ ހިއުމަން ރައިޓްސް އޮފް ޕާލިމެންޓޭރިއަންސް ކޮމިޓީން ބަލަން އެދިފައިވާތީ އެކަން ވެސް ބަލައިގަންނަ ކަމަށް އައިޕީޔޫގެ ރައީސް ގެބްރިއަލާ ކުއެވަސް ބެރަން ސޮއިކުރައްވައި، ޝިޔާމަށް ފޮނުވި ޖަވާބުގައި ވެއެވެ.
މި ސިޓީގައި ވިދާޅުވީ، މި މައްސަލަ ބަލައި ދިނުމަށް ހިއުމަން ރައިޓްސް ޕާލިމެންޓޭރިއަންސް ކޮމިޓީގެ އިތުރުން އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލަށް ވެސް ހުށަހަޅުއްވާނެ ކަމަށެވެ. އައިޕީޔޫ އިން ބުނީ މެންބަރުންގެ މިނިވަންކަމާއި ފިޒިކަލް އިންޓެގްރިޓީ އަކީ އެ ޖަމާއަތުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ބަލާ ކަންކަން ކަމަށާއި، ޝިޔާމްގެ މައްސަލަ އަށް ވެސް އެކަށީގެންވާ ސަމާލުކަންދީ، ބަލާނެ ކަމަށެވެ.
މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގައި ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނުކުންނެވުމަށް އެންގުމުން އެކަމަށް އޭނާ ދެކޮޅު ހެއްދެވުމުން އޭނާ ނެރެފައި ވަނީ އެމްޑީޕީގެ މެންބަރުން ވަށާލައި ގަދަ ކަމުންނެވެ.
އެކަން އެގޮތަށް ކުރުމުގެ ސަބަބުން މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިނގައި ޝިޔާމަށާއި އެހެން މެންބަރުންނަށް ވެސް އަނިޔާވިއެވެ. އަދި އެކަން އެހެން ހިނގައި ދިޔައީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު އަމަލު ކުރެއްވި ގޮތުގެ ސަބަބުން ކަމަށް އިދިކޮޅު މެންބަރުންނާއި އެެހެން ޕާޓީތަކަށް ނިސްބަތްވާ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.