6.8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި މިދިޔަ މަހު 14 ގައި ހައްޔަރުކުރި 3 މީހުންގެ ތެރެއިން 2 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މި މައްސަލާގައި ބަންދުގެ މުއްދަތު އިތުރުކުރީ، ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފް (43) އާއި ގއ. ކޮލަމާފުށި، ކަރަންކާވިލާ، އަފްސަލް ރަޝީދު (33އ) ގެއެވެ. ދެން މި މައްސަލާގައި ހައްޔަރު ކުރި މީހާ ފުލުހުން ވަނީ، ހައްޔަރު ކުރި ދުވަހާ ޖެހިގެން އައި ދުވަހު ދޫކޮށްލާފައެވެ.

އޭނާ ދޫކޮށްލީ، އޭނާގެ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި އެގެއިން ފެނިފައި ނުވާތީ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ ބަންދުގައި ތިބި ދެ މީހުންގެ ބަންދަށް ޖޫން 15ގައި 15 ދުވަސްޖަހާފައިވާއިރު، މި މުއްދަތު އިތުރު ކުރުމަށް ޖޫން 30ގައި ކޯޓަށް ހާޒިރުކޮށް، އިތުރު 15 ދުވަސް ވަނީ ޖަހާފައެވެ. އެމީހުންގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ މިމަހު 15 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންނަކީވެސް މަސްތުވާތަކެތީގެ ނެޓްވޯކެއްގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކަމަށް ފުލުހުން ބުނެއެވެ. އެމީހުންގެ ތެރެއިން ބައެއް މީހުންނާ ގުޅުންހުރި ހުޅުމާލެ ލޮޓް 10634 ބަލައި ފާސްކުރިއިރު ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގެންފައެވެ.

ހުޅުމާލެއިން އަތުލި މަސްތުވާތަކެތީގެ ބަރުދަނުގައި 6.8 ކިލޯ ހުރި އިރު އެއީ ކެނަބިސްއެވެ. އެ މަސްތުވާތަކެތީގެ މޫނުމަތީ އަގަކީ 5.6 މިލިއަން ދިވެހި ރުފިޔާއެވެ.

ރާއްޖެއަށް މަސްތުވާތަކެތި ފަސޭހައިން އެތެރެވެ، އެތަކެތި އެއްރަށުން އަނެއް ރަށާ ހަމައަށް ފަސޭހަ ކަމާއެކު ފޯރަމުން ދާ ކަން ފާހަގަ ކުރެވެއެވެ. ސަރުކާރުގެ މުއައްސަސާތަކާއި ފުލުހާއި، ކަސްޓަމާއި އެމްޕީއެއް ފަދަ ފާރަވެރި މުއައްސަސާތަކުން ފާރަލަމުން ދާއިރުވެސް ރާއްޖެއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެ ކުރާކަން ވަނީ ފާހަގަ ކުރެވިފައެވެ.