ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ކަމަށް ބުނެ މަޖިލީހުގައި ހިމޭން އިހުތިޖާޖެއް ކުރަން ފަށައިފިއެވެ.

މި އިހުތިޖާޖު ކުރަނީ، ރައްޔިތުންގެ މަޖިލީހުން ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް އިންތިޒާމްކޮށްގެން ހިންގަމުންދާ ބައްދަލުވުމުގައެވެ. މި ހިމޭން އިހުތިޖާޖުގައި 5 ވަރަކަށް މީހުން ބައިވެރިވާ އިރު، މި ބިލަށް ހިޔާލު ހުށަހަޅަން މާ ގިނަ ބަޔަކު ގޮސްފައެއް ނުވެއެވެ.

މަޖިލީހުގައި ހިމޭން އިހުތިޖާޖެއް ފަށާފައިވާއިރު، ފުލުހުންގެ ބިލަށް ހިޔާލު ހުށަހެޅުމަށް ދިޔަ ބައިވެރިން ވަނީ ޖިންސީ ގޯނާގެ މައްސަލަތައް ހުށަހެޅުމުން، ގޯނާ ލިބޭ ފަރާތަށް ހިމާޔަތް ދިނުމާއި މިފަދަ މައްސލަަތައް ބަލަމުންދަނީ ކިހިނެތްތޯ ސުވާލު ކޮށްފައެވެ.

މީގެ އިތުރުން ރޭޕާއި ޖިންސީ ގޯނާ، ވަކިން ހާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް މިދިޔަ ހޯމަ ދުވަހު ހަވީރު ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ވަނީ ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް މުޒާހަރަކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ޖެންޑާ މިނިސްޓްރީ ކުރިމަތިން، ބޮޑުތަކުރުފާނުމަގު ބޭންކް އޮފް މޯލްޑިވްސް ކައިރިއަށް ހިނގާފައެވެ.

މި މުޒާހަރާގައި ބައިވެރިން ވަނީ އެ ބައިވެރިންނާ ދިމާވި ބައެއް ހާދިސާތައް ހިއްސާކޮށްފައެވެ. މީގެ އިތުރުން، މި މުޒާހަރާގައި ފުލުހުންނާ ހިނގި ކުރިމަތިލުމެއްގައި ދެ ޒުވާނަކު ހައްޔަރުކޮށް، 4 ޒުވާނެއްގެ މޫނަށް ވަނީ ޕެޕާ ސްޕްރޭ ވެސް ޖަހާފައެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ. އެއީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އަދި އެހެނިހެން ކަމާ ބެހޭ އިދާރާތައް ޒިންމާދާރު ކުރުމަށް ގޮވާލާ ހިންގި މުޒާހަރާގައި ބައެއް ބައިވެރިން ހައްޔަރުކޮށް، ޕެޕާ ސްޕްރޭ ޖެހުމާ ގުޅިގެންނެވެ.