އިންސްޓަގްރާމްގައި 100،000 އަށް ވުރެ ގިނަ ފޮލޯވަރުން ލިބުމާއެކު، މޮޑެލް ކައިޒީން (ކައި) އިއުލާނުކުރި ގިވްއަވޭގެ އިނާމުތައް ނަސީބުވެރިންނަށް ހަވާލުކުރުމާ އެކު ކައިޒީންއަށް ތައުރީފު އޮހިއްޖެއެވެ.

ކައި ބުނި ގޮތުގައި އެ ގިވްއަވޭއާ އެކު ދިރިއުޅުމުގައި މީހުން ކުރަމުން އަންނަ އުނދަގުލާއި ދަތިކަން މީހުންގެ ވާހަކަތަކުން އެނގިގެން ދިޔަ ކަމަށާއި ފިރިހެނުންނަށް ވުރެ އަންހެނުން ދިރިއުޅުމުގައި އެފަދަ ކަންކަމާ ކުރިމަތިލާން ޖެހޭކަން އެނގިގެން ދިޔަ ކަމަށް އޭނާ ބުނެއެވެ.

އެމީހުންގެ ވާހަކަތަކުން ވަރަށް އަސަރުކުރި ކަމަށާއި މިއީ އެކަހަލަ ކަންތައް (ގިވްއަވޭ ދިނުން) ކުރުމަށް ލިބުނު އާ ހިތްވަރެއް ކަމަށް އޭނާ ބުނެއެވެ.

ހުރިހާ އެންމެންގެ މެސެޖުތައްވެސް ވަކިވަކިން ކީން. ދަންވަރު އާންމުކޮށް މެސެޖުތައް ކިޔާލެވެނީ، ގާތްގަނޑަކަށް ހަތަރު ނޫނީ ފަސް ގަނޑިއިރު ކޮންމެ ފަހަރަކު ހޭދަކުރަން މެސެޖްތައް ކިއުމުގަ، ވަރަށް ކުރާހިތުން ކުރި ކަމެއް މިއީ، މީގެ ކުރިން ނުކުރަން މިހަކަލަ ކަމެއް، މީހަކު މެސެޖެއް ކުރިއަސް ނުބަލަން
ކައި

މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް އެ ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަރު ހުޅުވާލި އިރު، އެ ގިވްއަވޭ ތަފާތުވެގެން ދިޔައީ ނަސީބުވެރި ތިން ފަރާތަކަށް 1000 ޑޮލަރު ގިވްއަވޭގެ ގޮތުގައި ދިނުމަށް ނިންމުމުން އެކަންޏެއް ނޫނެވެ. އެ ޕޯސްޓްގައި ކޮންމެ މީހެއްވެސް އެ އިނާމު ބޭނުންވާ ސަބަބު ލިޔެލުމަށް ބުނެފައި ވުމުންނެވެ.

އެގޮތުން 11،845 ކޮމެންޓާއި 18،907 ލައިކް އެ ޕޯސްޓަށް ލިބިފައި ވާއިރު، އިއްޔެ ކައި ވަނީ ނަސީބުވެރިން އިއުލާން ކޮށްފައެވެ. އެގޮތުން ގިވްއަވޭގައި ބައިވެރިވި އޭނާގެ ފޮލޯވަރުންނަށް ޝުކުރު އަދާކޮށް ކައިޒީން ދިން މެސެޖްވެސް ވެގެން ދިޔައީ އެ ގިވްއަވޭ ތަފާތުވެގެން ދިޔަ އިތުރި ސަބަބަކަށެވެ.

އެ މެސެޖްގައި ކައި ބުނެފައި ވަނީ ނަސީބުވެރިން ހޮވާފައިވަނީ ފައިސާގެ އިނާމް ބޭނުންވާ ސަބަބުތައް ބުނެ މީހުން ހިއްސާކުރި ވާހަކަތައް ކިޔައި އޭގެތެރެއިން 10 މީހެއް ޝޯޓް ލިސްޓްކުރުމަށް ފަހު އިންޓަވިއުކޮށް، އަދި އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށެވެ.

ކައިޒީން ގިވްއަވޭ ލިބުނު ތިން މީހުންގެ އައިޑީ ސްޓޯރީއަށްލާފައިވާ ސްކްރީން ޝޮޓެއް

އެ އިނާމު ތަކުގެ އިތުރުން ކައި ވަނީ އޭނާގެ ގިވްއަވޭގައި ބައިވެރިވި ޒުވާން ކުއްޖަކު އެދިފައިވާހެން އެކުއްޖާގެ ބައްޕައަށް ފުރޮޅުލީ ގޮނޑިއެއްވެސް ގަނެދީފައެވެ.

ކައި ވަނީ އޭނާގެ ގިވްއަވޭގައި ބައިވެރިވީ، ބައްޕައަށް ފުރޮޅުލީ ގޮނޑިއެ ގަނެދޭން ކަމަށް ބުނެ ކޮށްފައިވާ މެސެޖު ކައިގެ ސްޓޯރީގެ ސަކަރީން ޝޮޓެއް

ބައެއް މީހުން ބުނެފައިވާ ގޮތުގައި އެމީހުންނަކީ ކައިގެ ފޭން އަކަށް ނުވާއިރު އޭނައަށް ފޮލޯވެސް ކުރާ މީހުންނެއް ނޫނެވެ. ނަމަވެސް މިހާރު އޭނާގެ ފޭން އަކަށް ވެފައިވާ ކަމަށާއި އެ ކޮށްދިން ހެޔޮ ކަންތަކަކީ މުޅި މުޖުތަމައި ބަލއިގަންނާނެ ކަމެއް ކަމަށްވެސް މީހުން ބުނެފައި ވެއެވެ. ފޮލޯ ނުކުރާ މީހުން މިހާރު އޭނައަށް ފޮލޯކުރަން ފަށާނެ ކަމަށްވެސް ބައެއް މީހުން ބުނެފައެވެ.

ކައިގެ ގިވްއަވޭ ދީފައި ވާއިރު އެކަމަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. އެއީ މީގެ ކުރިން އިންސްޓަގްރާމް މޮޑެލް ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އޭނާގެ ފޮލޯވަރުންގެ ތެރެއިން ހޮވޭ ނަސީބުވެރިޔަކަށް އަގުބޮޑު ހަދިޔާތަކެއް ދޭން އިއުލާނުކޮށް އެ ހަދިޔާ ދިނުމުގައި މަކަރު ހެދި ގޮތައް ކައި ކަންތައް ނުކުރުމުންނެވެ.

ސޯޝަލް މީޑިއާގައި އެތައް ސުވާލެއް އެތައް ބަޔަކު ކުރަމުން ދާ އެއްކަމަކީ، އަދިވެސް "އެ މޫނު ބުރުގާގެ" ފަހަތުގައިވާ އަސްލު މީހަކީ ކާކުކަން ނޭނގިގެން ކުރާ ސުވާލެވެ. ޝަރުމީލާ ކަމަށް ބުނާ މީހާގެ މޫނު ފެންނަ ގޮތަށް ހަދާފައިވާ ވީޑިއޯވެސް މިހާރު ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ޝަރުމީލާގެ އަސްލު ހޯދަން މަސައްކަތް ކުރާ މީހުންނަށް އަސްލު ޝަރުމީލާ އަކީ ކާކުކަން އަދި އެނގޭނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރަމުންއައި އުންމީދު ނިމުނީ ފާޒިލް އެކަމަށް އެއްބަސް ވުމުންނެވެ. "ޝަރުމީލާ" އަކީ އަސްލެއް ނޫން ކަމަށް ފާޒިލް "ދޯ" އަށް އަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ. ފާޒިލް ބުނި ގޮތުގައި އާންމުންގެ ތެރޭގައި އޭނާ ބޭޒާރުވީ މެނޭޖަރު ކަމަށް ބުނާ އަލީ މުހައްމަދު (އެލީޒް)ގެ ސަބަބުންނެވެ.

މީހުން ބުނެއެއްނު، މީހަކަށް މާ ބޮޑަށް ޑިޕެންޑްވީމަ، އެންމެ ކައިރީގަ ހުންނަ މީހާއޭ ބޮލަށް ފައިން އަރާނީ. މިއީ އޭތި. އޭތި މި އޮތީ ލައިގަނެފައި އޭނަ އަހަރެން ގެންގުޅެފައި ހުރީ އޭނަ އަމިއްލަކޮށް، ވެރިކޮށްލައިގެން އުޅުނު ޕްރޮޑަކްޓެއް ފަދައިން. ވަރަށް ބޮޑަށް މެނިޕްލޭޓްކޮށް، ކަންކަން އޮޅުވާލައިގެން. ދިސް އިޒް ގެޓިން ވެރީ ޑާޓީ އަސްލު
ފާޒިލް

މޫނު ބުރުގާ އަޅާ ޝަރުމީލާ ކިޔާ ކުއްޖަކަށް ގިވްއަވޭ ގިފްޓް ޕެކް ހަވާލުކުރާތަން ކަމަށް ބުނެ ފޮޓޯ ނަގައި، ސޯޝަލް މީޑިއާގައި އާންމުކުރީ ވެސް ކަމުގެ ހަގީގަތް ކުރިން ނޭނގި ކަމަށާއި އެ މައްސަލާގައި އާންމުންގެ ކިބައިން މާފަށް އެދޭ ކަމަށްވެސް އޭނާ ބުނެއެވެ.

ދާނެ އޭނަ ތި ވާހަކަތަކެއް ދައްކައިގެން އުޅެނީ އެކަމުން ސަލާމަތްނުވެގެން ކަމަށް. އެހެން މީހެއްގެ ބޮލުގައި އެކަންތައް އަޅުވައިގެންތާ ސަލާމަތްވެވޭނީ
އެލީޒް
އަލީ މުހައްމަދު (އެލީޒް)

ގިވްއަވޭގެ ގިފްޓްގެ މައްސަލަ އަކީ ބޮޑު ފިވާލަޅެއް ކަމަށް ފާޒިލް އެއްބަސް ވާއިރު، އެ މައްސަލާގައި އެލީޒް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށް އޭނާ އަކީ ފާޒިލްގެ މެނޭޖަރެއް ނޫން ކަމަށް ބުނެފައެވެ.