ކުޑަ ދެކުދިން ގައިގޯޅިވާ ވީޑިއޯގެ މައްސަލަ މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބަލަމުންދާ ކަމަށާއި، އެ ވީޑިއޯ ދައުރު ނުކުރުމަށް އެދިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ކުޑަ ދެކުއްޖަކު އުމުރާއި ނުގުޅޭ އަމަލެއް ހިންގަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ ހޯމަ ދުވަހުން ފެށިގެން ދައުރުވަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މި މައްސަލައަކީ ކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން ބަލަމުންދާ މައްސަލައެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ، މިފަދަ ކުޑަކުދިންނާއި ގުޅޭ ވީޑިއޯތައް މީސް މީޑިއާގައި ދައުރުކުރުމަކީ ކުޑަކުދިންގެ މަސްލަހަތާއި އެކުދިންގެ ކަރާމާތާއި އެކުދިންގެ ހެދިބޮދުވުމަށް ނޭދެވޭ އަސަރު ފޯރާނެ ކަންކަމަށް ވުމުން މިދަފަ ވީޑިއޯ މީސް މީޑިއާގައި ދައުރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ

ޖެންޑާ މިނިސްޓްރީން ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުއްޖާގެ ހެދި ބޮޑުވުމަށް ބޭނުންވާ ރައްކާތެރިކަމާ އަޅާލުން ބެލެނިވެރިންނާއި އެހެނިހެން ފަރާތްތަކުން ލިބުމަކީ ކޮންމެ ކުއްޖެއްގެ ވެސް ހައްގެއް ކަމަށް ބުނެފައެވެ. އަދި ހަމަ އެ ގާނޫނުގެ ދަށުން ކުށަކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ މައުލޫމާތު އެއްވެސް ފަރާތަކުން އާންމު ކޮށްގެން ނުވާނެ ކަމަށާއި އެފަދަ ވާހަކައެއް ދައްކައިގެން ނުވާނެ ކަން ވެސް އެ މިނިސްޓްރީން ފާހަގަ ކުރެއެވެ.

މީގެ އިތުރުން ޖެންޑާ މިނިސްޓްރީން ބުނީ، ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކޮށްފިނަމަ ނުވަތަ އެކަމަށް ހިތްވަރު ލިބޭ ފަދަ ކަމެއް ކޮށްފިނަމަ އެކަން ތަހުގީގުކޮށް ފިޔަވަޅުއެޅުމުގެ ބާރު މިނިސްޓަރަށް ލިބިފައިވާ ކަމަށެވެ.