ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 9 އަކަށް އަރާފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މަރުވެފައި ވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓް ކޮށްފައިވާ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ މިއަދު މެންދުރު 1:50 ހާއިރު ކަމަށް އެޗްޕީއޭން ބުނެއެވެ.
އެޗްޕީއޭން މިހެން ބުނެފައިވާއިރު އިއްޔެ ހަވީރު، ކޮވިޑް ޖެހި ހާލު ބޮޑު ވެފައިވާ 3 މީހަކު ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށް ބަަދަލު ކޮށްފައެވެ. އެޗްޕީއޭއިން ބުނީ އެ 3 މީހުންނަކީ ޓްރީޓޮޕްގައި ފަރުވާ ހޯދަމުން ދިޔަ 3 މީހުން ކަމަށެވެ. އެ 3 މީހުންގެ ހާލު ކްރިޓިކަލް ކަމަށާއި ފަރުވާ ދެމުން ދަނީ ވެންޓިލޭޓުގައި ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެމީހުންގެ ހާލަތު ގާތުން ބަލަމުން ދާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 9 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އަދި މިއަދު މަރުވި 43 އަހަރުގެ ފިލިޕީންސް ފިރިހެން މީހާއެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޖުމްލަ 2337 މީހުން ޕޮޒިޓިވްވެފައިވާއިރު، 1927 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 396 މީހެކެވެ.