ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ މަގާމަށް މުހައްމަދު އަސްލަމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން އަސްލަމަށް ރުހުން ދީފައި ވަނީ 65 މެންބަރުންގެ އިއްތިިފާގުންނެވެ. މިއާއެކު މަޖިލީހުން ވަނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލު ކުރުމަށް ވެސް ރުހުން ދީފައެވެ. އެގޮތުން މިކަން ފާސްވެފައި ވަނީ 66 މެންބަރުންގެ އިއްތިިފާގުންނެވެ.

މި މަގާމަށް އަސްލަމް އިސްކުރައްވައި، އޭނާއަށް މަގާމުގެ ފަތްކޮޅު އަރުވާފައި ވަނީ މިމަހު 14 ވަނަ ދުވަހެވެ. އެގޮތުން، މިނިސްޓަރު އަސްލަމަށް ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޑރ. އަޒްމިރާލްދާ ޒާހިރެވެ.

މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ރައީސް ސޯލިހް ވަނީ ބަދަލު ކުރައްވާފައެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން ހައުސިން މިނިސްޓްރީން ކުރަމުން ގެންދިޔަ އެންމެހައި މަސައްކަތްތައް ދެން ކުރަމުން ގެންދާނީ، ޕްލޭނިން މިނިސްޓްރީންނެވެ. އަދި އެ މަސައްކަތްތައް ކުރުމަށްޓަކައި ހައުސިން މިނިސްޓްރީގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ.

ރައީސް ސޯލިހު މި ބަދަލު ގެންނެވި އިރު، ހައުސިން މިނިސްޓްރީ ދެ ބަޔަށް ބައިކޮށްލެވީ ވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ފަހުއެވެ. އޭގެ ކުރީ ސަރުކާރުގައި އެ ދެ މިނިސްޓްރީން ކުރަމުން އައި މަސައްކަތް ކުރަމުން ދިޔައީ ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރު ކަމުގައި އެއް މިނިސްޓްރީއެއްގެ ގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމުގައެވެ.