ފަލަސްތީނުގެ މައްސަލައަކީ ދީނާއި އަގީދާ އާ ގުޅިފައިވާ މައްސަލައެއް ކަމަށް މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

"ވިތް ޕީސް އެގެއިންސްޓް ދި އޮކިއުޕޭޝަން" ގެ ނަމުގައި ޖެރޫސެލަމްގައި ބޭއްވުނު ކޮންފަރެންސްގައި، ދިވެހިރާއްޖެ ތަމްސީލް ކުރައްވައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓާ ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ އެތަނެއްގައި މުސްލިމުންގެ ގިބްލައެއް ކަމުގައިވާ އަލް މަސްޖިދުލް އަގަސާ ހުރުމުގެ ސަބަބުންވެސް އެތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދީނީ ވާޖިބެއްކަމަށެވެ.

ހަމައެހެންމެ ދިވެހިރާއްޖެއަކީ އެންމެ ކުރީއްސުރެވެސް، ފަލަސްތީނުގެ ބިންތަކަށް ގަދަވެގައިންފައިވާ ޔަހޫދީން، މުސްލިމުންނާއި ދެކޮޅަށް ދެމުންދާ އަނިޔާތަކާއި ދެކޮޅަށް އަޑު އުފުލާ ވާހަކަދައްކަމުންދާ ގައުމެއްކަމަގައި ވަނީ ހާމަކުރައްވާފައެވެ.

އަދި އެގޮތުގައި ދިވެހީން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަންވެސް ވަނީ އަރުވާފައެވެ. އެކަމަށް ބާރުދެއްވައި ދިވެހިރާއްޖޭގެ ރައީސް އިބްރާހިމް މުހައްދަމު ސޯލިހް ޔޫއެން ގެ 74 ވަނަ އެސެމްބްލީގައި ވާހަކަ ދައްކަވަމުން ވިދާޅުވި ބަސްފުޅުވަނީ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންނަށް މިނިސްޓަރު ވަނީ ތަކުރާރުކޮށްދެއްވާފައެވެ.

އެއީ"ފަލަސްތީނު މިނިވަންވުމަށާއި ވަކި ދައުލަތެއްގޮތުގައި އޮތުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ދެގޮތެއްނެތި އަބަދުވެސް ދެމުންގެދާނަމެވެ" މި ބަސްފުޅެވެ.

މިނިސްޓަރުގެ ވާހަކައިގައި ނިންމަވާލައްވަމުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، މެދުއިރުމަތީގެ މައްސަލަތަށް ހައްލުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަށް ފާހަގަކުރައްވައި، ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ހާލަތު ބަދަލުކުރެއްވުމަށް ކެނޑިނޭޅި ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި، ދިވެހި ސަރުކާރުގެ ނަމުގައާއި މިނިސްޓަރުގެ އަމިއްލަ ނަންފުޅުގައިވަނީ ޝުކުރުއަދާކުރައްވާފައެވެ.

އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގޮތުގައި ލައްވައި، ފަލަސްތީނުގެ މުސްލިމުން ތަހައްމަލުކުރަމުން ގެންދަވާ ވޭންދެނެވިވި ދުވަސްތައް ބަދަލުކުރައްވައި އަމާންކަމާއި ފާގަތިކަން ދެއްވައި ޔަހޫދީންގެ ނުބައި ރޭވުންތަކުން ފަލަސްތީނުގެ އަހުންނާއި އުހުތުން ރައްކާތެރިކޮށްދެއްވައި ފަލަސްތީނަށް ނަސްރާ ކާމިޔާބު މިންވަރުކޮށްދެއްވުމަށް އެދި ދުއާކުރެއްވިއެވެ.

އެ ކޮންފަރެންސަގައި ބައިވެރިވުމަށް މިނިސްޓަރަށް ފަލަސްތީނުގެ ފަރާތުން ދަޢުވަތުދެއްވި ފަލަސްތީނުގެ ޕްރެސިޑަންޓް އެޑްވައިޒާ ފޯ ރެލިޖަސް އެފެއާޒް އެންޑް އިސްލާމިކް ރިލޭޝަން، ސްޕްރީމް ޖަޖް އޮފް ދަ ޝަރީޢާ ކޯޓްސް، ހިސް އެކްސަލަންސީ މަހްމޫދު އަލް ހަބާޝްއަށްވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެ ކޮންފަރެންސަކީ މިހާރު ޔަހޫދީން ފަލަސްތީނުގެ ބިންތައް އިތުރަށް މިލްކުކޮށް ފަށައިގެން ކުރިއަށްދާ ދަނޑިވަޅުގައި، އެކަމާ ގުޅޭގޮތުން މީހުން ހޭލުންތެރިކަން އިތުރުކޮށް، އިސްރާ މިއުރާޖުގެ ބިން އަދި އަލް މަސްޖިދުލް އަގްސާ ހިމާޔަތްކޮށް، ފަލަސްތީނުގައި އިންސާފައި، އަމާންކަމާއި ހަމަޖެހުން ގާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވުނު ކޮންފަރެންސެކެވެ. އެ ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދީނީ އިލްމުވެރިންނާއި ދާއިންވަނީ ބައިވެރިވެ ވަޑައިގަންފައެވެ.