ރައްޔިތުންގެ މަޖިލީހަކީ މަސް ކައްކާ ތަނެއް ނޫން ކަމަށާއި ގާނޫނު ހަދާ ތަނެއް ކަމަށާއި ގާނޫނު އަސާސީގައި މަޖިލީހުން ކުރާ ކަންކަން ބަޔާން ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ

ނަޝީދު މިހެން ވިދާޅުވީ، ކުޅިވަރު ގާނޫނާ އެއް ގޮތަށް ސްޕޯޓްސް މިނިސްޓްރީން ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)އަށް ފިޔަވަޅު އަޅާފައި ނުވާތީ އެ މައްސަލަ ބަލައިދިނުމަށް އެދި މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ދެއްކެވި ވާހަކައާ ގުޅިގެންނެވެ.

ޝަރީފް ވިދާޅުވީ، މަޖިލީސް މިހާރު ޝަރީއަތް ކޮށް ހުކުމް ކުރާ ތަނަކަށް ވެފައިވާ ކަމަށާއި، ބަދަލު ހިފުމަށް މަސައްކަތް ކުރާ ތަނަކަށް ވެއްޖެ ކަމަށް ވިދާޅުވެ އޭނާ ވަނީ މަޖިލީހުގެ ހިންގުމާމެދު ފާޑު ވިދާޅުވެފައެވެ. ޝަރީފް ވިދާޅުޗީ، އެފްއޭއެމްގެ ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

ގާނޫނު އަސާސީގައި މި ގޭގައި ކުރާ ކަންކަން ސާފުކޮށް ބަޔާންކޮށްދީފައިވޭ ރައްޔިތުންގެ
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ޝަރީފަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ މަޖިލީހަކީ މަސް ކައްކާ ތަނެއް ނޫން ކަމަށާއި، އެއީ އެހެން އިތުރު ކަމެއް ކުރާ ތަނެއް ވެސް ނޫން ކަމަށާއި އެއީ ދިވެހިރާއްޖޭގެ ގާނޫނު ހަދާތަން ކަމުގައެވެ. އަދި ދިވެހި ސަރުކާރާއި ދައުލަތުގެ އެހެން މުއައްސަސާތައް ޖަވާބުދާރީކުރުވާ ތަނަކީ މަޖިލިސް ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ މަޖިލީހަށް ހުށަހަޅަނީ މަޖިލީހުގެ ގާނޫނާ ގަވާއިދަށް ހުށަހެޅޭ ތަކެތި ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީގައި މަޖިލީހުގައި ކުރާ ކަންކަން ސާފުކޮށް ބަޔާންކޮށްދީފައިވާ ކަމަށެވެ.

މަޖިލީހުގައި ނެތް ބާރުތައް މަޖިލީހަށް ނަގްނަ އުޅޭ ކަމުގެ ތުހުމަތު ކުރައްވާ ޝަރީފް ދެއްކެވި ވާހަކައަށް ރައްދު ދެއްވާ ނަޝީދު ވަނީ އެކަން ދޮގު ކުރައްވާފައެވެ. ކަން މިހެން ހިނގާފައިުވާއިރު، މަޖިލީހުގައި ނެތް ބާރުތަކެއް ނަގަން އުޅޭ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިއުން ވަނީ މަޖިލީހަށާއި ރައީސް ނަޝީދަށް އަމާޒުވެފައެވެ.

މިކަމާ ގުޅިގެން މިދިޔަ ހަފްތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމުގެ ތެރެއިން ބޭރަށް ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ އެމަނިކުފާނުވެސް ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތް ކުރެއްވި ތަނެއް ކަމަށާއި، އެހެން ކަމުން ރައްޔިތުންގެ މަޖިލީހުން ކަމެއް ނިންމާނީ ނުވަތަ ނިންމުމެއް ނިންމާނީ ގާނޫނީ އިމުގެ ތެރެއިން މަޖިލީހަށް ކުރެވޭނެ މިންވަރަށް، ކަމަށެވެ.